ފިލްމުތައް ފްލޮޕްވާތީ ޓައިގާގެ ފީތައް ކުޑަކުރަން ލަފާ ދީފި

ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފް--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ފަހަކަށް އައިސް ކުޅެފައިވާ ފިލްމުތަކުގެ ވިޔަފާރި ދަށްވެ ޕްރޮޑިއުސަރުންނަށް ގެއްލުމާ ކުރިމަތިވާތީ ފިލްމު ކުޅެދޭ އަގު ކުރިޔަށްވުރެ ދަށް ކުރުމަށް ޕްރޮޑިއުސަރުން އިރުޝާދު ދީފިއެވެ.

ފިލްމު "ހީރޯޕަންތީ"އިން 2014ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތުމާ އެކު ޓައިގާގެ ފިލްމީ ކުރިމަގު ކާމިޔާބުވާނެ ކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދުކުރިއެވެ. އެހެންނަމަވެސް މިހާތަނަށް ޓައިގާ ކުޅުނު ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައި ވަނީ މަދު ފިލްމުތަކެކެވެ.

ފަހަކަށް އައިސް ޓައިގާ ލީޑް ރޯލް ކުޅުނު ތިން ފިލްމެއް ޖެހިޖެހިގެން ފްލޮޕްވުމާއެކު ބައެއް ޕްރޮޑިއުސަރުން ވަނީ އެކްޓަރުގެ ކުރިމަގާ މެދު ވިސްނައި މިހާރު ފިލްމުތަކުން ނަގާ ފީގެ އަދަދު 70 އިންސައްތައަށް ދަށްކުރަން ލަފާ ދީފާއެވެ.

ޓައިގާ މުހިއްމު ރޯލެއް ކުޅުނު ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގެ މަންޒަރެއް--ފޮޓޯ/ފޭސްބުކްމީޑީއާ ރިޕޯޓުތަކުން ބުނާގޮތުގައި ޓައިގާ އެވްރެޖުކޮށް ފިލްމަކަށް ޗާޖްކުރަމުން އަންނަނީ 25 ކްރޯޑު ރުޕީސް (3 މިލިއަން ޑޮލަރު)އެވެ. ނަމަވެސް މި އަދަދު ތިރި ނުކުރާނަމަ ކުރިޔަށް އޮތް ތަނުގައި ބޮޑު ބަޖެޓް ފިލްމުތަކުން ޓައިގާއަށް ފުރުސަތު ގެއްލުން އެކަށީގެންވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"އިންނެވެ. މުޅިއެކު 42 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ކުރިމަތިވި ނާކާމިޔާބީއާ އެކު ޓައިގާގެ ކުރިޔަށްހުރި ފިލްމުތައް ހިނގާނެ ކަމާމެދު ވެސް މިހާރު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ސްޓަންޓް އަދި އެކްޝަން ހީރޯގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އެކްޓަރު ދެން އެންމެ އަވަހަށް ފެންނާނީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާ އަޖޭ ދޭވްގަންގެ ފިލްމު "ސިންގްހަމް އަގެއިން" އިންނެވެ. މީގެއިތުރުން ޓައިގާ އަންނަނީ "އީގަލް"ގެ ނަމުގައި އުފައްދާ އަދި ރަސްމީކޮށް އިއުލާނު ނުކުރާ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް