'އިޝްގް ވިޝްގް ރީބައުންޑް' ޓްރެއިލާ ދައްކާލައިފި

ޒުވާނުންނަށް ޚާއްސަކޮށްގެން މި ޒަމާނަށް ފެތޭކަހަލަ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމު "އިޝްގް ވިޝްގް ރީބައުންޑް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ޒުވާން ހަތަރު ފިލްމީ ތަރިން ކަމަށްވާ ރޯހިތު ސަރަފު، ޕަޝްމިނާ ރޯޝަން، ޖިބްރާން ޚާން އަދި ނާއިލާ ގްރެވަލް ލީޑް ރޯލް ކުޅޭ "އިޝްގް ވިޝްގް ރީބައުންޑް"ގެ ޓްރެއިލާ ރިލީޒް ކުރުމާއެކު ގިނަ ބަޔަކަށް ޝާހިދު ކަޕޫރުގެ ހަނދާންތައް އާކުރުވި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ފިލްމަކީ 2003ވަނަ އަހަރު ޝާހިދު ކަޕޫރު ފިލްމީ ދާއިރާއަށް ތައާރަފުވި "އިޝްގް ވިޝްގް"ގެ އާ ބައެކެވެ. ކުރީގެ ފިލްމުގެ އެއްވެސް ތަރިއަކު މި ފަހަރުގެ ފިލްމުން ނުފެންނާނެއިރު ފިލްމުގެ ވާހަކައާއެކު ފިލްމުގެ ޑައިރެކްޓަރަކީ ވެސް މުޅިން އާ މީހެކެވެ.

ކުރީގެ ފިލްމު "އިޝްގް ވިޝްގް"ގެ ޕޯސްޓަރެއް--ފިލްމުފެއަ
ފިލްމު "އިޝްގް ވިޝްގް"ގެ ސީކުއަލްއެއް އުފައްދާނެކަން އިއުލާނު ކުރުމާއެކު ވަރަށް ގިނަ ބަޔަކު އުއްމީދުކުރީ ކުރީގެ ތަރިންގެ ބައެއް ވެސް ސީކުއަލްގައި ފެންނާނެ ކަމަށެވެ. ނަމަވެސް ފިލްމުގައި ގެނެސްދޭ ވާހަކަ އަކީ މުޅީން އާ ވާހަކައެއް ކަމަށާއި ބެލުންތެރިންގެ ހަނދާން ތާޒާކޮށްލުމަށް ކުރީގެ ފިލްމުގެ މިއުޒިކް ސީކުއަލްގައި ހިމަނާފައިވާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

ސީކުއަލްގެ ޓްރެއިލާ ބެލުމަށްފަހު ބައެއް ބެލުންތެރިން ބުނެފައި ވަނީ ކެމޯއަކުން ނަމަވެސް ޝާހިދު އާއި އަމްރީތާ ނުފެންނާނެތީ އަސްލު "އިޝްގް ވިޝްގް"ގެ ރަހަތައް މިފަހަރު ގެނެސްދޭ ބައިގައި ނުހިމެނޭނެ ކަމަށެވެ. އެހެންވެ ބައެއް ބެލުންތެރިން އެކަމާ މިހާރުވެސް ތިބީ މާޔޫސްވެފައެވެ.

އެކްޓަރު ރިތިކް ރޯޝަންގެ ބޮޑުބޭގެ ދަރިފުޅު ޕަޝްމިނާ ރޯޝަން އަދި ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް"އިން ކާޖޮލް އާއި ޝާހުގެ ދަރިފުޅުގެ ރޯލް ކުޅުނު ޖިބްރާން ޚާންގެ "އިޝްގް ވިޝްގް ރީބައުންޑު" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ކުރިޔަށް އޮތް ޖޫން މަހުގެ 21ވަނަ ދުވަހުއެވެ.

comment ކޮމެންޓް