ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ހަތަރު މީހުންނަށް ކެނެޑާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
ކެނެޑާއިން ބުނާ ގޮތުގައި އެ މީހުންނަކީ ހައްދުފަހަނައަޅައިފައިވާ ބައެކެވެ. އަދި، ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވާ އިސްރާއީލުގެ ވަޒަންވެރިންނާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަދިވެސް އަޅާނެ ކަމަށް ކެނެޑާއިން ބުނެއެވެ.
ކެނެޑާގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ އިސްރާއީލުގެ ވަޒަންވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
ކެނެޑާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ހަތަރު މީހަކަށެވެ. އެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ފަރުދުންނާ ގުޅުންހުރި މުއާމަލާތްތައް ކެނެޑާއިން ނުކުރާނެ ކަމަށާއި ކެނެޑާއިން އެ މީހުން ބަލައިނުގަންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ އިސްރާއީލު ރައްޔިތުންގެ އަނިޔާވެރިކަން މިހާރު އޮތީ ހައްދުފަހަނައަޅައިފައެވެ. އެއީ، އިސްރާއީލުގެ އެންމެ ގާތް އެކުވެރި ގައުމުތަކުންވެސް ނުރުހޭ ކަމަކަށް ވަނީ ވެފައެވެ. އެމެރިކާ، އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދު އަދި ނިއުޒީލޭންޑުން ވެސް ވަނީ އަނިޔާވެރި ވަޒަންވެރިންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އަނިޔާވެރިކަން ހުއްޓުވުމަށް އިސްރާއީލަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އިލްތިމާސްކޮށްފައެވެ.
ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއީލުގެ ހަރުކަށި ވަޒަންވެރިންގެ އަނިޔާވެރިކަން އިތުރުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެ ސަރަހައްދުގެ ސުލްހައާއި ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ކަމަށް ކެނެޑާގެ ޚާރިޖީ ވަޒީރު މެލާނީ ޖޯލީ ވިދާޅުވިއެވެ.
ކުރިން 1967 ވަނަ އަހަރު މެދުއިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުން ވަނީ ހުޅަނގު އައްސޭރި ހިފައިފައެވެ. އޭގެ ފަހުން އެ ސަރަހައްދު އަސްކަރީ ހިސާރުކުރުމުގެ ދަށުގައި އޮތްއިރު، އިސްރާއީލުގެ ގިނަ އަދަދެއްގެ މީހުން އަންނަނީ އެ ސަރަހައްދުގައި ވަޒަންވެރިވަމުންނެވެ.
އެ ސަރަހައްދުގައި އިސްރާއީލުން ވަޒަންވެރިވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ދެކެއެވެ. ނަމަވެސް އިސްރާއީލުން އެކަމާ ދެކޮޅު ހަދައެވެ.