ކެމްޕޭނާ ހެދި ކަންގަނާގެ ފިލްމު ފަސްކޮށްފި

ޖޫން މަހުގެ 14ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "އިމަޖެންސީ" ރިލީޒް ކުރިން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

ކަންގަނާ ފިލްމު ޑައިރެކްޝަނަށް ނުކުތުމަށް ފަހު އުފައްދާ ދެވަނަ ފިލްމު "އިމަޖެންސީ" ރިލީޒްކުރުން ފަސްކުރެވިފައިވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސް ލޮކް ސަބާއަށް ވާދަކުރުމަށް ސިޔާސީ މަސައްކަތްތަކުގައި ކަންގަނާ އަވަދިނެތި އުޅުމާ ގުޅިގެންނެވެ.

ކަންގަނާގެ ފިލްމު ކުންފުނި މަނީކަރުނިކާފިލްމްސްއިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ މި ވަގުތު ފިލްމު "އިމަޖެންސީ" ރިލީޒްކުރުމުގެ މަސައްކަތަށް ވުރެ ކަންގަނާ އިސްކަންދޭން ބޭނުންވަނީ ޤައުމަށް ޚިދުމަތްކުރުމަށް ކަމަށާއި ފިލްމު ރިލީޒްކުރަން އޮތް ތާރީޚު ފަސްކުރެވިފައިވާ ކަމަށެވެ.

ބަތަލާ ކަންގަނާ ރަނާވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރަނީ--ފޮޓޯ/އިންޑިއާޓައިމްސް

ކަންގަނާ ސިޔާސީ ދާއިރާއަށް ނުކުތުމާ ގުޅިގެން އާއްމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ޝުކުރު އަދާކުރަމުން ބަތަލާގެ ކުންފުނިން ނެރުނު ސްޓޭޓްމަންޓުގައި ބުނެފައިވަނީ ކައިރި މުސްތަޤުބަލެއްގައި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ތާރީޚެއް އިއުލާނު ކުރާނެ ކަމަށެވެ.

ފިލްމު "އިމަޖެންސީ" އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރާ އިންދިރާ ގާންދީގެ ވެރިކަމުގައި ސިޔާސީ ގޮތުން އުފެދުނު ހަލަބޮލިކަމާ ގުޅިގެން އިއުލާނުކުރި ކުއްލި ހާލަތާ އެކު އިންޑިއާގައި އެ ދުވަސްވަރު ދިމާވި ކަންކަމަށް ރިއާޔަތްކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި އިންދިރާ ގާންދީގެ ރޯލުން ފެންނާނީ ބަތަލާ ކަންގަނާ ރަނާވަތެވެ. މީގެ އިތުރުން، ބަތަލާ މަހިމާ ޗޯދްރީ އަދި އަނޫޕަމް ހޭރް، ޝްރެޔަސް ތަލްޕަޅޭ، މިލިންދު އާނަންދު އަދި ކުރީގެ އެކްޓަރު ސަތީޝް ކޯޝިކް ވަރަށް މުހިއްމު ރޯލުތަކުން ފެންނާނެއެވެ.

މިދިޔަ އަހަރު ސިޔާސީ މައިދާނަށް ނުކުންނަން އުޅޭކަން އިއުލާނުކުރި ބަތަލާ މަޖިލީހަށް ވާދަކުރަނީ އިންޑިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ބާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ޓިކެޓުގައެވެ. އެ ޕާޓީއަކީ އިންޑިއާގައި މިހާރު އޮތް ސަރުކާރު ހިންގާ ޕާޓީއެވެ. ލޯކް ސަބާ އިލެކްޝަންސްގައި ކަންގަނާ ވާދަކުރަނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީއަށެވެ.

comment ކޮމެންޓް