ލޭ ހަދިޔާ ކުރުމަށް ސަން ސިޔާމް ގުރޫޕުގެ ދެވަނަ ހަރަކާތް ސިޔާމް ވޯލްޑްގައި

ސިޔާމް ވޯލްޑްގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ: ލޭ ހަދިޔާކުރަން އެ ރިސޯޓުން ގާތްގަނޑަކަށް 100 މުވައްޒަފުން ރެޖިސްޓާކޮށްފައިވޭ --

ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ވެސް ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ދެވަނަ ހަރަކާތް މިއަދު ސިޔާމް ވޯލްޑްގައި ފަށައިފިއެވެ.

އެ ގުރޫޕުގެ 34ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މި ހަރަކާތް މިއަހަރު އެންމެ ފުރަތަމަ ފެށީ އޮޅުވެލި ރިސޯޓުގައި، މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެ ރިސޯޓުން ލިބުނު ބޮޑު ތަރުހީބަށް ފަހު، ސިޔާމް ވޯލްޑްގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ފައްޓަވައިދެއްވީ އެ ރިސޯޓުގެ އެގްޒެކުޓިވް އެސިސްޓެންޓް މެނޭޖަރު އަލީ ސިޔާމެވެ.

އެ ހަރަކާތުގައި އޭނާ ވިދާޅުވީ ރިސޯޓުގެ މުވައްޒަފުން ލޭ ހަދިޔާކުރަން އަމިއްލައަށް އިސްނެގުމުން އެކަމާ ވަރަށް އުފާކުރައްވާ ކަމަށެވެ.

"މިއަދު ލޭ ހަދިޔާ ކުރުމަށް އަމިއްލައަށް އިސްނަގައިގެން ސިޔާމް ވޯލްޑްގެ ޓީމްގެ މިހާ ގިނަ ކުދިން އައިތަން ފެނުމުން ވަރަށް އުފާކުރަން. ލޭ ހަދިޔާ ކުރާ ކޮންމެ ފަރުދަކަށް ތިން މީހުންގެ ފުރާނަ ސަލާމަތް ކުރެވޭ،" އޭނާ ވިދާޅުވިއެވެ.

ސިޔާމް ވޯލްޑްގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ: ލޭ ހަދިޔާކުރަން އެ ރިސޯޓުން ގާތްގަނޑަކަށް 100 މުވައްޒަފުން ރެޖިސްޓާކޮށްފައިވޭ --

ލޭ ހަދިޔާ ކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އެ ރިސޯޓުގެ އެސިސްޓެންޓް ޓެލެންޓް ކަލްޗާ މެނޭޖަރު ހައްވާ ހަނާ ވިދާޅުވީ އެ ހަރަކާތުގައި ބައިވެރިވާ މުވައްޒަފުންނާ މެދު ފަޚުރުވެރިވާ ކަމަށެވެ.

"ސިޔާމް ވޯލްޑްގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. އެއީ ކިތަންމެ ކުޑަ މިންވަރަކުން ވެސް ތެލެސީމިއާ ކުދިންނަށް އެހީ ފޯރުކޮށްދެވޭތީވެ،" އޭނާ ވިދާޅުވިއެވެ.

ސަން ސިޔާމް ކުންފުނީގެ މެނޭޖަރު އޮފް އެގްރިކަލްޗާ ޑިޕާޓްމަންޓު އަދި ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު ވިދާޅުވީ ލޭ ހަދިޔާކުރަން އެ ރިސޯޓުން ގާތްގަނޑަކަށް 100 މީހުން ރެޖިސްޓާކޮށްފައިވާ ކަމަށެވެ.

"ސަން ސިޔާމް ގުރޫޕުގެ ދެވަނަ ހަރަކާތް ކުރިއަށްދަނީ ސިޔާމް ވޯލްޑްގައި. ގާތްގަނޑަކަށް 100އެއާހާ މުވައްޒަފުން ލޭ ހަދިޔާ ކުރަން ރެޖިސްޓާކޮށްފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން،" އައްޒަ ވިދާޅުވިއެވެ.

މި ހަރަކާތަކީ ސަން ސިޔާމް ރިސޯޓްސްއިން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން 2015ވަނަ އަހަރު ފެށި ވަރަށް ކާމިޔާބު ހަރަކާތެކެވެ. އޭގެ ފަހުން މި ހަރަކާތް ކޮންމެ އަހަރަކު ކުރިއަށް ގެންދިޔަ ނަމަވެސް، ކޮވިޑުގެ ތެރޭގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް މެދުކަނޑާލިއެވެ. އެއަށްފަހު މި ހަރަކާތް އަލުން ފަށާފައި ވަނީ މިދިޔަ އަހަރެވެ.

އައްޒަ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ އަހަރު ސަން ސިޔާމް ރިސޯޓުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި 459 މީހުން ލޭ ހަދިޔާކޮށްފައިވެއެވެ.

ލޭ ހަދިޔާކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ޓީމަކުންނެވެ.

މިއަހަރު ސަން ސިޔާމް ގުރޫޕުގެ ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ދެން އޮންނާނީ ސަން ސިޔާމް އިރުފުށި، ސަން ސިޔާމް އިރުވެލި އަދި ސަން ސިޔާމް ވިލުރީފްގައެވެ.

comment ކޮމެންޓް