މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ކާމިޔާބުކަމާއެކު ފޯ ސީޒަންސް ހޮޓެލް މުމްބާއީގައި "މޯލްޑިވިއަން ނައިޓް"ގެ ނަމުގައި އިވެންޓްއެއް ބާއްވައިފިއެވެ.
މި އިވެންޓުގައި ވަނީ 100އަށް ވުރެ ގިނަ މަޝްހޫރު ސެލެބްރިޓީން އަދި އިންފްލުއެންސަރުން ބައިވެރިވެފައެވެ.
މީގެ ތެރޭގައި ފަރާހް ޚާން، މޯނީ ރޯއީ، ފަރްދީން ޚާން، ވިހާން ސަމަތް، އަންގަދް ބެދީ، މަންދާނާ ކަރީމީ، ޝްރެޔާ ޕިލްގާއޮންކަރް، ޝަޝާންކް ސަންގާވީ، ރިޗީ ޝާހް، ރުޗީ ސޯނީ، ޝިފާ މާޗަންޓް، ރާހުލް ޖަގްތިއާނީ، ތޯމަސް ޕަސްކަލް، މޮނިޝާ، ބްރިންދާ ޝާހް، ސްޓެފަނީ ޓިމިންސް، ޕަރޭޝް، ސަލްމާން މާޗަންޓް، އަދި މިނޫންވެސް އެތައް ބަޔަކު ހިމެނުނެވެ.
ޕްރޮމޯޝަނަލް ކެމްޕޭނެއްގެ ބައެއްގެ ގޮތުގަ މި އިންފްލުއެންސަރުންގެ ތެރެއިން ގިނަ ބަޔަކު ކުރިއަށް އޮތް މަސްތަކުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްޕީއާރުސީން ބުނީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށްވުމާއެކު، މި މަސައްކަތަކީ ވިޒިޓް މޯލްޑިވްސްއިން އިންޑިއާގެ ފަތުރުވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތެއްކަމަށެވެ.
މަޝްހޫރު މީހުންނާއި ކޮންޓެންޓް ކްރިއޭޓަރުންގެ ނުފޫޒު ބޭނުންކޮށްގެން، ވިޒިޓް މޯލްޑިވްސްއިން ދިވެހިރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ވަނީ ދައްކާފައެވެ. މިގޮތުން ވިޒިޓް މޯލްޑިވްސް އިން ވަނީ ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު މަންޒިލުގެ ގޮތުގައި ފާހަގަކޮށް، ލަގްޒަރީ ފަތުރުވެރިންނާއި ހަނީމޫންއަށް ދަތުރުކުރާ މީހުންނާއި އާއިލާތަކާއި އެޑްވެންޗާއަށް ލޯބިކުރާ ފަރާތްތަކަށް އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ދައްކާލާފައެވެ.
މި ހަރަކާތާ ގުޅިގެން ވިސިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓަކަށް ވުމުން އިންޑިއާގެ އިންފްލުއެންސަރުންނާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންނާއެކު ސްޓްރެޓެޖިކް ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ ތެރެއިން އައުޓްރީޗް އިތުރަށް ވަރުގަދަކުރުމާމެދު ޝައުޤުވެރިވާކަމަށެވެ.
މީގެ އިޓުރުން އޭނާ ވިދާޅުވީ، މުންބާއީގައި ބޭއްވި "މޯލްޑިވިއަން ނައިޓް"އަކީ އިންޑިއާގެ މާކެޓަށް ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއްކަމަށާއި މިފަދަ ކެމްޕޭންތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަޤީންކަން އެބަ އޮތްކަމަށެވެ.
ދިވެހިރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން ޒިޔާރަތްކުރުން އިތުރުވަމުންދާއިރު، ވިޒިޓް މޯލްޑިވްސްއިން ދަނީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ މިންވަރު ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ މިއަހަރު 300،000 އަށްވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ އަދަދެއްގެ ސްޓްރެޓީޖިކް މާކެޓިން މަސައްކަތްތަކެއް ފަށައިފައެވެ.
މީގެ ތެރޭގައި ކުރިއަށް ހިނގަމުންދާ ސަމާ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއާލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއެކު ޕާޓްނާޝިޕްތައް ގާއިމުކުރުން ހިމެނެއެވެ.