ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލުމުގެ އުސޫލާ އެއްގޮތަށް އެ ދަފުތަރުގައި މާލެ ސިޓީން އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނެފިއެވެ.
ޒަކާތު ހައުސްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތައިގައި އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މިގޮތުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން މެންދުރުފަހު 12:00ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
ޒަކާތު ހައުސްއިން ބުނީ މި އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ ވެސް، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް ކަމަށް ބަލާނެ ކަމަށެވެ.

ފިތްރު ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި ހުންނަ ކައުންޓަރު ކައިރީގައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އެހެންވެ، މި ހާލަތުގައި އެ ފަރާތްތަކުން ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
އިއުލާނުގައިވާ ގޮތުން، އެ ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމު އެ އިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި، ފޯމުތައް ބަލައިގަންނާނީ އެ އިދާރާގެ ކައުންޓަރުން ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
މީގެ ކުރިން ޒަކާތުގެ ކަންކަން ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީގެ ތެރޭގައި އެކަމަށް ޚާއްސަކޮށް އޮންނަ ވަކި ސެކްޝަނަކުންނެވެ. އެކަމަކު، ރާއްޖެއިން ފަގީރުކަން ނައްތައިލައި، ޒަކާތާ ބެހޭ ކަންކަން ވިހާ ވެސް ހަރުދަނާކޮށް ހިންގުމަށް ޓަކައި، ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި ޚާއްސަ އިދާރާއެއް ރައީސް ޑރ. މުޙައްމަަދު މުއިއްޒު އުފެއްދެވީ މިދިޔަ ޖެނުއަރީ މަހުގައެވެ.