އިންޖީނަކަށް މައްސަލައެއް ދިމާވެ، އަނެއްކާވެސް ކުޅުދުއްފުށިން ކަރަންޓު ކަނޑަނީ

ކުޅުދުއްފުށީ ސިޓީ ---- ފޮޓޯ/ ޒުވާން މަސްވެރިޔާ

ކުޅުދުއްފުށީ ސިޓީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އަނެއްކާވެސް އެ ސިޓީން ކަރަންޓު ކަނޑަން ފަށައިފިއެވެެ.

ފެނަކަ ކޯޕަރޭޝަންގެ ކުޅުދުއްފުށީ ބްރާންޗުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުން ކުރާ އިންޖީނުތަކުގެ ތެރެއިން އެއް މެގަވޯޓްގެ އިންޖީނަކަށް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.

އެެހެންވެ، މައްސަލަ ހައްލު ކުރެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާނެ ކަމަށާއި އެ ޚިދުމަތް މެދު ކެނޑޭތާ އެއް ގަޑިއިރު ފަހުން އަލުން ކަރަންޓު ދޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

މިއަދު ވެސް ރަށުގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަރަންޓު ކަނޑާނެ ކަމަށް ބުނެ ޝެޑިއުލް ނެރެފައިވާއިރު، މި ދުވަސްވަރު ވީހާވެސް މަދުން ކަރަންޓު ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޝެޑިއުލްގައިވާ ގޮތުން، މިއަދު މެންދުރު 12:00 އިން ފެށިގެން މިރޭ 20:00އާ ހަމައަށް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާނެއެވެ.

އެ ބްރާންޗުން ބުނި ގޮތުގައި، އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

"މިކަމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ ހުރިހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން،" އެ އިއުލާނުގައިވެއެވެ.

އާބާދީ ބޮޑު ކުޅުދުއްފުށީގައި، މިދިޔަ ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުން އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރިއެވެ. އަދި، އޭރު ސްޓެލްކޯގެ ޓިީމެއް އެރަށަށް ގޮސްގެން ވަނީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައެވެ.

comment ކޮމެންޓް