ރަފަހްގައި އިންސާނީ ކާރިސާއެއް އުފެދިފައިވާ ކަމަށް ނުދެކެން: ނަތަންޔާހޫ

އިސްރާއީލުގެ ހަަމަލާތަކުގެ ސަބަބުން ގެދޮރުގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ރަފަހް ދޫކޮށް ދަނީ. ފޮޓޯ/އަލް ޖަޒީރާ

ޣައްޒާގައި ދެކުނުގައި އޮންނަ ރަފަހް ސިޓީގައި އިންސާނީ ކާރިސާއެއް ނެތް ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވީ ވީޑިއޯ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައެވެ.

އިސްރާއީލުން ޣައްޒާގެ ހުރިހާ ސަރަހައްދެއްގައި ހަނގުރާމަ ކުރަމުންދާ ކަމަށާއި އޭގެތެރޭގައި ޖަބަލިއާއާއި ޒައިތޫން އަދި ރަފަހް ހިމެނޭ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. އަދި އިސްރާއީލު ސިފައިން ކުރިއަށް ގެންދަނީ ޣައްޒާގެ ސަރަހައްދުތަކުން އާންމުން ހުސްކުރުމުގެ މަސައްކަތް ކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

"އިސްރާއީލުން ރަފަހް އިން އާންމުން ނެރެމުންދާއިރު، މިހާތަނަށް ގާތްގަނޑަކަށް 500،000 މީހުން ރަފަހް ދޫކޮށް ހިނގައްޖެ." ނަތަންޔާހޫ ވިދާޅުވިއެވެ.

ނަތަންޔާހޫ ވިދާޅުވީ ހަމާސް ބަލިނުކުރެވެނީސް އެއްވެސް މަޝްވަރާއެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އިސްރާއީލު ފައުޖުތަކުން ރަފަހްއަށް ހަމަލާދޭން ފެށީ މި މަހުގެ ހަވަނަ ދުވަހުއެވެ. ރަފަހް އަކީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ ރަފަހް ބޯޑަރު ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށީ އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ދިން ހަމަލާތަކަކާ ގުޅިގެންނެވެ.

ހަމާސްގެ އެ ހަމަލާއަށްފަހު ހަމާސް ނައްތައިލުމަށް ކަމަށް ބުނެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 35،000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 79،000 އަށް ވަނީ އުފުލިފައެވެ. ޣައްޒާގެ އިތުރުން އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 500 އަށް އަރައިފައެވެ.

comment ކޮމެންޓް