'ލޫދިފާ'ގެ ޓީމުން އާ ފިލްމެއް ނެރެނީ

ލޫދިފާގެ ޑައިރެކްޓަރު މޫމިން ފުއާދު ފިލްމެއް ޑައިރެކްޓް ކުރަނީ : އަލަށް ނެރޭ ފިލްމުގެ ޑައިރެކްޝަނާއި ވާހަކައިގެ މަސައްކަތް ކޮށްފައިވަނީ މޫމިން

ދިވެހި ފިލްމު އިންޑަސްޓްރީއިން ނުކުތް އެންމެ ހަނދާން ހުންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑްރާމާ ފިލްމު "ލޫދިފާ"ގެ ޕްރޮޑަކްޝަން ޓީމުން އަނެއްކާ ވެސް އެފަދަ ވަރުގަދަ ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

ނޫރު އެން މޫވިސްގެ ދަށުން ހުސައިން ނޫރައްދީން ޕްރޮޑިއުސްކުރި ލޫދިފާއަކީ 2011 ވަނަ އަހަރު ނެރުނު ފިލްމެކެވެ. އޭރު ދިވެހި ފިލްމު އިންޑަސްޓްރީގައި ހިމެނޭ ގިނަ އަދަދެއްގެ ތަރީން ބައިވެރިކޮށްގެން ތައްޔާރުކުރި މި ފިލްމަކީ ހަތަރު ގަޑިއިރަށް ވުރެ ދިގު ފިލްމެކެވެ. މި ފިލްމުގައި އިޖުތިމާއީ އެކި މައްސަލަތަކަށް އަލި އަޅުވާލައެވެ.

މި ފިލްމުގެ އެތައް މަންޒަރުތަކަކީ ވައިރަލްވެފައިވާ މަންޒަރުތަކަށް ވާއިރު މި ފިލްމަކީ މިއަދާ ހަމައަށް ވެސް އެ ކުއޯޓުކޮށް އޭގެ ވާހަކަ ދައްކާ ފިލްމެކެވެ.

މިހާރު މި ފިލްމު ނެރުނު ޕްރޮޑަކްޝަނުން އަމާޒު ކަނޑައަޅާފައިވަނީ އަނެއްކާ ވެސް ލޫދިފާ ފަދަ ބޮޑު ނުފޫޒެއް ގެނައި ފިލްމެއް ނެރުމަށެވެ. އަދި، މި ފިލްމަށް މާ ގިނަ ދުވަހަކު އިންތިޒާރުކުރާކަށް ވެސް ނުޖެހޭނެއެވެ.

ނޫރައްދީންގެ އިތުރުން ލޫދިފާގައި ހަރަކާތްތެރިވި މޫމިން ފުއާދު އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވެސް މި ފިލްމުގެ މަސައްކަތުގައި އުޅޭނެއެވެ. އަލަށް ނެރޭ ފިލްމަށް ކިޔަނީ "އަބަދަށް"އެވެ. މި ފިލްމުގެ ޝޫޓިން މަސައްކަތް ނިމި މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ.

މި ފިލްމުގެ ރޯލުތަކުން ފެންނާނީ ޔޫސުފް ޝަފީއުއާއި ކޮޕީ އިއްސެގެ އިތުރުން ވާޝިޔާ މުހައްމަދުއާއި ޝާރިފް އަހުމަދު އަދި ސޫޒަން އިބްރާހީމްފުޅެވެ. އޭގެ އިތުރުން، ވެސް ބައެއް އާ ތަރިން މި ފިލްމުން ފެންނާނެއެވެ.

ދެ ގަޑިއިރުގެ އާ ފިލްމަކީ ވެސް ދިވެހި މުޖުތަމައުއާ ގުޅޭނެ މުޖުތަމައުގެ މައްސަލަތަކުން ނަގާފައިވާ ފިލްމެއް ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ މޫމިނެވެ.

ކޮންމެއަކަސް މި ފިލްމު ބަލައި ބެލުންތެރިން އެއްވެސް ވަރަކަށް ފޫހިނުވާނެކަމުގެ ޔަގީންކަން ޕްރޮޑަކްޝަނުން ދެއެވެ. އަދި ދުވަހަކު ވެސް ހީނުކުރާ ފަދަ ނިމުމެއް މި ފިލްމުން ފެންނާނެ ކަމަށް ވެސް ޕްރޮޑަކްޝަނުން ފާހަގަކުރެއެވެ.

މި ފިލްމު އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް