އަނބިމީހާއަށް އަނިޔާކޮށް ދަރިފުޅުގެ ކޯމަތީ ޖެހި މީހަކު ޖަލަށްލައި، ތެރަޕީ ނެގުމަށް ހުކުމްކޮށްފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަނބިމީހާއަށް އަނިޔާކޮށް ދަރިފުޅުގެ ކޯމަތީ ޖެހި ދިވެހި ފިރިހެނެއް އެއް މަހާއި 29 ދުވަހަށް ޖަލަށްލައި، ރުޅި މަޑުކުރުމުގެ ތެރަޕީ ނެގުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މި ދިވެއްސަކީ، ކ. ކާށިދޫ، މަލަސް، އިބްރާހީމް ސިރާޖެވެ. އޭނާގެ މައްޗަށް ވަނީ ގައިގައި އަތްލުމުގެ ކުށުގެ ދެ ދައުވާއެއް އުފުލައިފައެވެ.

އެއް ދައުވާއަކީ ކ. ކާށިދޫ، ދޫރެސް، ޝީޒާ މުޙައްމަދު (އަނބިމީހާ)ގެ ގައިގައި ސިރާޖު އަތްލާފައިވާތީ ކޮށްފައިވާ ދައުވާއެކެވެ. ސިރާޖުގެ މައްޗައް ކޮށްފައިވާ އަނެއް ދައުވާއަކީ އޭނާގެ ދަރިއެއްގެ ކޯ މަތީ ޖެހުމުން ކޮށްފައިވާ ގައިގައި އަތްލުމުގެ ދައުވާއެކެވެ.

މި ދެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ސިރާޖު ވަނީ ދެ ދައުވާއަށް ވެސް އިންކާރުކޮށްފައެވެ. އަދި ދިފާއުގައި އެއްވެސް ހެއްކެއް އޭނާއަށް ހުށަހެޅިފައެއް ނުވެއެވެ.

މި މައްސަލާގައި ސިރާޖުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، މިމަހުގެ ހަތް ވަނަ ދުވަހު 19:51 ހާއިރު ޝީޒާގެ ގެއަށް ގޮސް އޭނާގެ ފޯނު ގަދަކަމުން ހިފައިގެން ދާން އުޅުމުން، އޭނާ ހުއްޓުވަން ޝީޒާ މަސައްކަތްކުރުމުގެ ތެރޭގައި ސިޑިމަތިން އޭނާ ކޮއްޕައި ވައްޓާލުމުން ޝީޒާއަށް އަނިޔާވުމުންނެވެ. އަދި އެކި ދުވަސް މަތިން އެ ދެމީހުންގެ ދަރިން ކުރިމަތީ ޝީޒާއަށް އަނިޔާ ކޮށްފައިވާތީއެވެ.

ނަމަވެސް ޝަރީއަތަށް ލިބިފައިވާ ހެކިތަކުން ޝީޒާއަށް އަނިޔާއެއް ލިބިފައިވާ ކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލާގައި ޝަރީއަތަށް ފާހަގަވެފައި ވަނީ ރުހުމެއް ނެތި ސިރާޖު އޭނާގެ އަނބިމީހާގެ ގައިގައި އަތްލިކަން ކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުގައިވެއެވެ.

ސިރާޖުގެ މައްޗަށް ކޮށްފައިވާ ދެވަނަ ދައުވާ ކޮށްފައި ވަނީ، މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު 01:00ހާއިރު، އޭނާގެ އަންހެނުންގެ ގޭގައި ދެމަފިރިން ދެމެދު ހިނގާދިޔަ ޒުވާބެއްގައި ޝީޒާގެ އަތުގައި ހިފައިގެން ގަދަކަމުން ބޭރަށް ދާން އުޅުމުން އެ ދެމަފިރިންގެ ދަރިފުޅު އެކަން ހުއްޓުވަން އުޅުމުން، ސިރާޖު އެ ދަރިފުޅު ލައިގެން ހުރި ޓީޝާޓުގައި ހިފާ އިރާލުމުންނެވެ. އަދި ދަރިފުޅުގެ ބޮލުގެ ވާތްފަރާތުގައާއި، ވާތް ފަރާތު ކޯ މަތީގައި ދެ ފަހަރު ޖަހާފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ސިރާޖުގެ މައްޗަށް ދެ ދައުވާ ވެސް ސާބިތުވާ ކަމަށެވެ.

ދެ އަމުރެއްގެ ދަށުން 22 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އޭނާ ކޯޓަށް ހާޒިރުކޮށްފައި ވަނީ އެ މުއްދަތު ހަމަވުމުންނެވެ. މި މުއްދަތު އުނިކުރުމަށް ފަހު ސިރާޖު ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ އެއް މަހާއި 29 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަދި ރުޅި މަޑުކުރުމާ ގުޅޭ ފަރުވާ ދިނުމުގެ ހުއްދަ ސަރުކާރުން ލިބިފައިވާ ކައުންސިލަރެއްގެ ފަރާތުން ކައުންސިލިން ހޯދުމަށް ސިރާޖުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް