ސިނގިރޭޓު ފޮއްޓަކަށް ޑުރަގު އަޅައިގެން ފުރަން އުޅުނު މީހަކު އުމުރަށް ޖަލަށް

ފުލުހެއް މަގުމަތީގައި: ސިނގިރޭޓު ފޮއްޓަކަށް ޑުރަގު އަޅައިގެން ފުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނގިރޭޓު ފޮއްޓަކަށް ޑުރަގު އަޅައިގެން އެ ހިފައިގެން ކަނޑު ބޯޓެއްގައި ފުރަން އުޅުނު މީހެއްގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 23 އަހަރާއި 10 މަހަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރީ ސ. މަރަދޫ، ކޮރަލް، އަހުމަދު ސާތިއުގެ މައްޗަށެވެ.

އޭނާއާ ދެކޮޅަށް ކުރި ދައުވާގައި ބުނެފައިވަނީ މާޗު 24، 2019 ވަނަ ދުވަހު ނޯތު ހާބަރުގައި އޮތް ބޯޓަކުން މަސްތުވާތަކެތި ހިފައިގެން ފުރަން އުޅޭ ކަމަށް މައުލޫމާތު ލިބުނީ ފުލުހުންގެ އިންޓެލިޖެންސަށް ކަމަށެވެ.

އެ ގޮތުން، އެ މީހާގެ ކޮނޑުގައި އަޅާފައި އޮތް ދަބަސް ބަލައި ފާސްކުރިއިރު ދަބަހުގެ ތެރޭގައި އޮތް ސިނގިރޭޓު ފޮއްޓެއްގައި ޓޭޕް އަޅާފައި އޮތް ފިލްމް ހުސްކުރި ދަޅެއް އޮތް ކަމަށާއި އޭގެ ތެރެއިން 21.3660 ގްރާމްގެ ކެނަބިސް ފެނުނު ކަމަށް ތަހުލީލު ރިޕޯޓުތަކާ ހަވާލާދީ ދައުވާގައިވަނީ ބުނެފައެވެ.

އެ ދައުވާއަށް ސާތިއު އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް އެކަށިގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުވާ ކަމަށް އިއްޔެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެހެންވެ، އޭނާގެ މައްޗަށް ވަނީ 23 އަހަރާއި 10 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި، ޖޫރިމަނާގެ ގޮތުގައި 100،000 ރުފިޔާ އިއްޔެއިން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރަން ވެސް ވަނީ ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ އިސް ގާޒީ އާދަމް މުޙައްމަދެވެ.

comment ކޮމެންޓް