ކ. ގުޅީފަޅު ހިއްކުން ހުއްޓުވަން ހައިކޯޓުން ކުރި ވަގުތީ އަމުރަން އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ދެންމެ ސުޕްރީމް ކޯޓުން ނެރެފިއެވެ.
ތިމާވެށި ހިމާޔަތްކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު ވަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ. އެކަމަކު، އެ ކޯޓުން އެ އަމުރު ނެރެއެއް ނުދިނެވެ. އެހެންވެ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އިއްޔެ ހައިކޯޓުން ވަނީ ގުޅީފަޅު ހިއްކުން ހުއްޓައިލަން އަންގައި ވަގުތީ އަމުރެއް ނެރެދީފައެވެ.
ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ އެ އަމުރު ނެރެދީފައެވެ. އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ އެ ކޯޓުން ވަކި ގޮތެއް އަންގަންދެން ހައިކޯޓުގެ އަމުރަށް އަމަލުނުކުރާން އަންގައިފައެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ހައިކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކޮށްނުދީފި ނަމަ، ދައުލަތަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެ ކޯޓުގައި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ގުޅީފަޅުގެ ބިން ހިއްކުން ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިން ލައްކަ ޑޮލަރު, އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި، ބޮސްކާލިސްއަށް ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.
ގުޅީފަޅު ހިއްކުން ހައިކޯޓުން ހުއްޓުވިއިރު، އެ ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކައި ނިންމައިފައެވެ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ގުޅީފަޅުގެ ބިމުން، އިތުރު ބައެއް ހިއްކުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މީގެ ކުރިން ނިންމަވައިފައެވެ. އެގޮތުން ކުރިން ހިއްކަން ނިންމާފައިވާ ވަރަށް ވުރެ އިތުރަށް 85 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.