އާޤިލްގެ މަރުގެ މައްސަލަ: ދައުވާކުރި އެކަކު ސަލާމަތްވެއްޖެ

އާގިލް މަރާލި މައްސަލައިގައި ދައުވާ އުފުލި ތިން މީހުން --

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހީމް އާޤިލްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އެކަކުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އާޤިލް މަރާލާފައިވަނީ އޮގަސްޓު 31، 2018 ވަނަ ދުވަހުގެ ރޭ 19:30 އެހާކަންހާއިރެވެ.

ވ. ފުލިދޫއިން މާލެ އައިސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީ ޖެޓީ ސަރަހައްދަށް އޭނާ ފޭބިތަނާ ހަމަލާ ދީފައިވަނީ ތިން މީހުންގެ ގްރޫޕަކުންނެވެ. ހަމަލާގައި ލިބުނު ޒަޚަމުތަކަށް ފަރުހާ ހޯދަނިކޮށް، އެ ރޭ 20:59 އެހާކަންހާއިރު އާޤިލް ވަނީ މަރުވެފައެވެ.

އެ ހާދިސާގައި މަރުވި އާޤިލް ---

އެ މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އެއީ،

  • ލ. ފޮނަދޫ ހިޔާ ޙަމްދޫން ހަމްޒަތު - ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ސ. ހިތަދޫ، ސްވޭހުހީނާގެ، ޢަލީ މިޖުވާދު މާލިކު އިބްރާހީމް - ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ހއ.ދިއްދޫ ސްނޯބާޑް އިބްރާހީމް ވިޝާމް - ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

މި މައްސަލައިގައި ހިމެނޭ އިބްރާހިމް ވިޝާމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

އެކަމަކު، މި މައްސަލައިގައި ދެން ހިމެނޭ ދެ މީހުންގެ މައްޗަށް ކުރާ ދައުވާގައި މިހާތަނަށް ހުކުމްކޮށްފައެއް ނުވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މި މައްސަލައިގައި މިއަދު ވިޝާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމާ ގުޅިގެން، ހުކުމާއި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން މައްސަލަ ދިރާސާކުރުމަށް ފަހު މަތީ މަރުހަލާ ކޯޓުގައި އިސްތިއުނާފުކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ޢަލީ މިޖުވާދު މާލިކު އިބްރާހީމާއި ޙަމްދޫން ހަމްޒަތުގެ ބައި ކްރިމިނަލް ކޯޓުގައި ހިނގަމުންދެއެވެ. އެ ދެ މީހުންގެ ބައި އޮތީ ޙުކުމް ކުރުމުގެ މަރުޙަލާގައެވެ.

comment ކޮމެންޓް