ޣައްޒާގައި މަރުވި މީހުންގެ 56 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން

ޣައްޒާއިން މަރުވި މީހުންގެ ތެރެއިން 56 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން -- ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށްގެންދާ ހަނގުރާމައިގައި މަރުވި މީހުންގެ ތެރެއިން 56 އިންސައްތައަކީ ކުޑަކުދިންނާ އަންހެނުން ކަމަށް އދ. އިން ބުނެފިއެވެ.

އދ. އިން އެގޮތަށް ބުނެފައިވަނީ ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރާ މައުލޫމާތާމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާއިން ބޭނުންވާ މައުލޫމާތު ނުލިބުމުގެ ސަބަބުން އދ.އިން ބަރޯސާވެފައި އޮންނަނީ ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ދޭ މައުލޫމާތުގެ މައްޗަށެވެ.

ނަމަވެސް، އިސްރާއީލުން ބުނާ ގޮތުގައި ސިއްހީ ވުޒާރާއިން ދޭ މައުލޫމާތު ސައްހައެއް ނޫނެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާއިން އަންގާރަ ދުވަހު ބުނީ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އެ ސަރަހައްދުގައި މަދުވެގެން 35،173 މީހުން މަރުވެފައިވެއެވެ.

މަރުވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް، މަރުވި މީހުންގެ ތެރެއިން ގާތްގަޑަކަށް 25،000 މީހުންގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށް ސިއްހީ ވުޒާރާއިން ހާމަކުރެއެވެ. އޭގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ފިރިހެނުން ކަމަށާއި، 20 އިންސައްތަ މީހުންނަކީ އަންހެނުން އަދި 32 އިންސައްތަ މީހުންނަކީ ކުޑަކުދިން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް