'އައިޓީބީ ޗައިނާ 2024'ގެ ޕާޓްނާ ޑެސްޓިނޭޝަނަކަށް ރާއްޖެ

ރާއްޖޭގެ ރިސޯޓެއްގެ އޭރިއަލް ވިއު-- ފޮޓޯ/ ޓީޓީއެމް

'އައިޓީބީ ޗައިނާ 2024'ގެ ޕާޓްނާ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ހަމަޖައްސައިފިއެވެ.

މިއަހަރުގެ އައިޓީބީ ޗައިނާ އޮންނާނީ މިމަހުގެ 27އިން 29އަށް ޗައިނާގެ ޝަންހާއީގައެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި އިވެންޓުގައި 40އަށް ވުރެ ގިނަ ޓްރެވަލް ކުންފުނިން އެ ކުންފުނީގެ ހުށަހެޅުންތައް ދައްކާލާނެއެވެ.

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕާޓްނާޝިޕްގެ މަގްސަދަކީ ޗައިނާގެ ފަތުރުވެރިން އިތުރުކޮށް، ޗައިނާގެ ޓްރެވަލް މާކެޓްގެ ސަމާލުކަމަށް ރާއްޖެ ގެނައުމެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވީ އައިޓީބީ ޗައިނާ 2024ގެ އޮފިޝަލް ޕާޓްނާ ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ ތަމްސީލުވާން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ރާއްޖެއާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓްތަކާއި، ފަތުރުވެރިކަމުގެ އުފެއްދުންތަކާއި، ތަފާތު އޮފާތައް ހިއްސާކުރުމަށް ލިބުމުން ވަރަށް އުފާވޭ. މި ޕާޓްނާޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ މަންޒިލުގެ ތަފާތު ރީތިކަން ދައްކުވައިދީ، ޗައިނާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އަޅުގަނޑުމެން ވާނެ،" ފާތިމަތު ވިދާޅުވިއެވެ.

މި އިވެންޓު އޮންނަ ތިން ދުވަހުގެ ތެރޭގައި އެމްއެމްޕީއާރުސީން ޕްރޮމޯޝަނަލް މެޓީރިއަލްތައް މެދުވެރިކޮށް އަދި ފޭސް ޓު ފޭސް ބައްދަލުވުންތަކުގައި ރާއްޖޭގެ އެންމެ ފަހުގެ އުފެއްދުންތަކާއި ޚިދުމަތްތަކާއި ތަޖުރިބާތަކުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

comment ކޮމެންޓް