ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން ވެސް މަތީ މަގާމްތަކަށް ދިވެހިން ގެންނާނަން: ފައިސަލް

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ޖަލްސާއެއްގައި ވާހަކަދައްކަވަނީ-- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތައް ދިވެހިންނަށް ހޯދައިދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، ކޮންމެ ކަމަކީ ގަވާއިދަކުން ނުވަތަ ގާނޫނަކުން ކުރަން ވެއްޖެނަމަ އެއީ އެންމެ އެދެވޭ ގޮތް ކަމަށް ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން ވިޔަސް ދާއިރާގެ އިސް އަދި މުހިންމު މަގާމުތަކަށް ދިވެހިން ގެނެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލާނަން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން ވެސް ދިވެހިންނަށް މި ދާއިރާގައި ހުރި ޖެނެރަލް މެނޭޖަރުން ގޮތުގައި، އެޗްއާރް ޑިޕާޓްމަންޓް ހެޑުންގެ ގޮތުގައި މިގޮތަށް ހުރި މުހިންމު ވަޒީފާތަކަށް ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަށް،" ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑާ ދިމާވެފައި އެބަތިބި 20، 25 އަހަރު މަސައްކަތްކޮށްގެން ސޭލްސް ޑައިރެކްޓަރުންނަށް ވެފައި ތިބި މީހުން. މީ ހަމަ ވަރަށް ވަރުގަދަ މަގާމުތައް. އެހެންވީމަ އޭގެން އެ ދޭހަކޮށްދެނީ އެފޯޓެއް ލާފަ ހިތްވަރާއެކު މަސައްކަތްކުރާ ކޮންމެ ޒުވާނަކަށް ކާމިޔާބު ވާނެ ކަން."

ފައިސަލް ވިދާޅުވީ، މިފަދަ އިސް މަގާމުތަކަށް ދިވެހިން ގެނެސް ފަތުރުވެރިކަމުގެ ދާއިރާ ދިވެހިން ލީޑުކުރާ މަންޒަރު ފެނުމަކީ ހަމައެކަނި އޭނާގެ ހުވަފެނެއް ނޫން ކަމަށެވެ. އެއީ ސަރުކާރުގެ އަދި ވަކިން ޚާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ގާނޫނުގެ ތެރެއިން ވިޔަސް، އަދި ސްކޮލަޝިޕްތަކާއި އޮޕޮޗިއުނިޓީސްތައް ހޯދައިދީގެން ވިޔަސް އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް މިިހިރަ މަގާމުތަކަށް ދިވެހިން ލީޑުކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެނުން،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިންނަށް މި ދާއިރާގައި ހުރި ފަހި ފުރުސަތުތައް ހޯދައި ދިނުމަށް ކަމުގެ ތަޖުރިބާ ހުރި ފަރާތްތަކާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް