މީހަކު ރަހީނުކޮށް، ބަރަހަނާ ވީޑިއޯ ނަގައިގެން ފައިސާ އަތުލި މައްސަލައެއް ތަހުގީގު ކުރަނީ

-- ފޮޓޯ/ މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކަށް ވަޅިން ބިރުދައްކައި، އިންޒާރުދީގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް 34 އަހަރުގެ ދިވެހި ފިރިހެނަކު ހާޒިރުވުމަށް އަންގައި ވަނަވަރު އާންމުކޮށްފިއެވެ.

މި މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ ސ. ހިތަދޫ، ސޯމާ، 34 އަހަރުގެ ޝަފީޤު އިބްރާހީމަށެވެ.

ފުލުހުން ބުނީ ތަހުގީގަށް ޝަފީޤު ހާޒިރުވުމަށް އަންގާފައިވަނީ މީހެއްގެ ބޭންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފައިވާ މައްސަލައެއްގައި ކަމަށެވެ. ފައިސާ ފޭރުމަށް މީހަކަށް ވަޅިން ބިރުދައްކައި، ހުއްދަނޫން ގޮތުގައި އެ މީހާ ހިފަހައްޓައި، މާރާމާރީ ހިންގައި އަދި ބިރުދައްކައި އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި، ވީޑިއޯ ވެސް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ޝަފީޤު ހާޒިރުކުރުމަށް އޭނާ ދިރިއުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ކުރެވިފައިނުވާ ކަމަށެވެ. މި ފަދަ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުންވަނީ އެ ކަން އިޢުލާން ކޮށްފައެވެ.

މީގެ އިތުރުން, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައެއްގައި ވެސް ފުލުހުންދަނީ މީހަކު ހޯދަމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ޅ. ކުރެންދޫ، އޯޒޯން، އުމުރުން 39 އަހަރުގެ މުޙައްމަދު އަޙްމަދެވެ.

މީނާ ހޯދަމުންދަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ފޯރުވުމުގެ މައްސަލައަކާ ގުޅިގެން -- ފޮޓޯ/ ޕޮލިސް

ފުލުހުން ބުނީ ކުރެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، އޭނާ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

މުޙައްމަދު އަޙްމަދު ހޯދަމުން ދަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުހިންގުމުުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާގެ 13:30 އަށް ކުރެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކުވާ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި، އެ ކަން ހިއްސާކުރުން އެދޭ ކަމަށެވެ. މި ފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކުރިއެވެ.

comment ކޮމެންޓް