ރާއްޖެ އިޝްތިހާރު ކުރުމަށް، އިންޑިއާގެ އިންފްލުއެންސާ ނިކީ މެހެރާ ގެނެސްފި

ފެމިލިއަލައިޒޭޝަން ދަތުރަކަށް ނިކީ މެހެރާއަށް ރާއްޖެއަށް--- ފޮޓޯ: ވިޒިޓް މޯލްޑިވްސް

ރާއްޖެ އިޝްތިހާރު ކުރުމަށް، އިންޑިއާގެ މަޝްހޫރު އިންފުލުއެންސާއެއް ކަމަށްވާ ނިކީ މެހެރާ ގެނެސްފިއެވެ.

ނިކީ ރާއްޖެ ގެނައީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އަމިއްލަ މޯލްޑިވްސް ރިޒޯޓާއިން އިންތިޒާމުކޮށްގެން ފެމިލިއަލައިޒޭޝަން ދަތުރެއްގެ ގޮތުގައެވެ.

އެމްއެމްޕީއާރުސީން ބުނީ މިމަހުގެ ތިން ވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށް ނިކީ ރާއްޖެއަށް ކުރި ދަތުރުގައި ލަގްޒަރީ އަދި ރޮމޭންޓިކް މަންޒިލްތައް ތަޖުރިބާކުރި ކަމަށެވެ.

ނިކީއަކީ އިންޑިއާގެ މަޝްހޫރު މޮޑެލްއެއްގެ އިތުރުން ފެޝަން، ބިއުޓީ އަދި ޓްރެެވެލް ކޮންޓެންޓް ކްރިއޭޓަރެކެވެ. އޭނާއަކީ އާދަޔާޚިލާފު ސްޓައިލްއެއް ގެންގުޅޭ، އިންޑިއާގެ ފެޝަން އިންޑަސްޓްރީން ފާހަގަކޮށްލެވޭ ފަރާތެއް ކަމަށާއި އޭނާގެ ފޮލޯވަރުންގެ އަދަދު ބައި މިލިއަނަށް ވުރެ އިތުރު ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ދަތުރުގައި ނިކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކޮށް، ރާއްޖެއަކީ އިންޑިއާގެ ދަތުރުވެރިންނަށް އެންމެ ބޮޑު ހަނީމޫން ޑެސްޓިނޭޝަންގެ ގޮތުގައި ދައްކުވައިދިން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އިންޑިއާގެ މާކެޓަކީ ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް މުހިންމު މާކެޓެއް ކަމަށް އެމްއެމްޕީއާރުސީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ. މިގޮތުން އިއްޔެއާ ހަމައަށް އިންޑިއާއިން 46،970 ފަތުރުވެރިން އައިސްފައިވާކަން އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.

މި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަ ދެއްކެވުމާ ގުޅިގެން އެގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައި، ބޮލީވުޑްގެ ތަރިން ހިމެނޭ ގޮތަށް ކެމްޕެއިނެއް ކުރިއަށްގެންދިޔައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ޒިޔާރާތްކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ނަމަވެސް އެމްއެމްޕީއާރުސީން ވަނީ އިންޑިއާގެ ފަތުރުވެރިން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

comment ކޮމެންޓް