ރާއްޖެއިން ފަލަސްތީނާމެދު ބާއްވާ ރަހުމަތްތެރި ގުޅުމަށްޓަކައި، ހުރިހާ ދިވެހިންނަށް ފަލަސްޠީނުގެ ސަގާފަތާ ބެހޭ ވަޒީރު އިމާދު ޢަބްދުﷲ ޙަމްދާން ޝުކުރު އަދާކުރައްވައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނެެރުނު ބަޔާނެއްގައި ބުނީ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިހާރު އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ވަޒީރު އިމާދު ވަނީ ދިވެހިރާއްޖޭގެ މަންދޫބަކާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ.
އަޒަރްބައިޖާނުގެ ވެރިރަށް ބާކޫގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަޒީރު އާދަމް ނަސީރު ވަނީ ފަލަސްތީނަކީ އދ.ގެ ދާއިމީ މެންބަރަކަށް ވުމަށް ޝަރުތުހަމަވާ ގައުމެއް ކަމަށް ފާސްކުރުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނާއި ގައުމުގެ ވަފުދަށް ތަޙުނިޔާ ވިދާޅުވެފައެވެ.
ޒަމާނުއްސުރެ ފަލަސްތީނާމެދު އޮތް ގާތްކަމަކީ ހުރިހާ ދިވެހިން ވެސް ހިއްސާ ކުރާ ގާތް ކަމެއް ކަމަށް ވަޒީރު އާދަމް ނަސީރު ފާހަގަކުރެއްވިއެވެ.
އިތުރަށް އެ ބަޔާނުގައިވާ ގޮތުން، މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަމެއް ނައިސް، އިތުރަށް ހަރުދަނާ ވާނެ ކަމަށާއި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުގައި ކުރެވޭ ހުރިހާ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ، ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ ޑިރެކްޓާ ޖެނެރަލްގެ ދަޢުވަތަކަށް ވަޒީރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.