ސުކޫލުތަކަށް ދަރިވަރުން ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

މިދިޔަ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު އިމާދުއްދީން ކުދިން ސްކޫލަށް ވަންނަނީ-- ސަން ފޮޓޯ: މާހިލް އާތިފް

މި ފެށޭ ދިރާސީ އަހަރަށް ސުކޫލުތަކަށް ދަރިވަރުން ވެއްދުމަށް ހުޅުވާލި މުއްދަތު އެޑިއުކޭޝަން މިނިސްޓަރީ އިން އިތުރުކޮށްފިއެވެ.

މިގޮތުން މާދަމާ އާއި ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް މާލޭ ސަރަހައްދުގެ ސްކޫލުތަކަށް އަލަށް ދަރިވަރުން ވެއްދުމުގެ މުއްދަތު އިތުރު ކުރުމަށް އެޑިއުކޭޝަން މިނިސްޓަރީ އިން ވަނީ ނިންމާފައެވެ.

އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރުމުގެ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ:

  • ސަރުކާރު ސުކޫލެއްގެ ފައުންޑޭޝަން ސްޓޭޖްގެ ކުލާހަށް ވައްދަން ބޭނުންވާ ދަރިވަރުން
  • ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން
  • ޕްރައިވެޓް ސުކޫލަކުން ސަރުކާރު ސުކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުުން
  • ރާއްޖެއިން ބޭރުގެ ޤައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސުކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުން

އެޑިއުކޭޝަން މިނިސްޓަރީ އިން ބުނީ މި މުއްދަތުގައި ބަލައިގަންނާނީ މި ފަރާތްތަކުގެ ފޯމު އެކަނި ކަމަށެވެ.

ސުކޫލުތަކަށް ދަރިވަރުން ވެއްދުމަށް ހުޅުވާލި މުއްދަތު ކުރިން އިނީ މި މަހު ހަތް ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހަމަވާ ގޮތަށެވެ.

މިގޮތުން އެޑިއުކޭޝަން މިނިސްޓަރީ އިން ކުރިން ބުނީ މި މަހު ހަތް ވަނަ ދުވަހާ ހަމައަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްގެ ޖަވާބު އިއްޔެގެ ކުރިން ފޮނުވާނެ ކަމަށެވެ.

މިއަހަރުގެ ދިރާސީ އައު އަހަރު މި މަހު 26 ވަނަ ދުވަހުގައި ފެށޭއިރު، އަންނަ އަހަރުގެ މާރިޗު މަހުގައި ދިރާސީ އަހަރުގެ ކިޔެވުން ނިމެއެވެ.

ސަރުކާރުން ވަނީ ދިރާސީ އާ އަހަރު ފެށުން ކުރިން އޮތް ގޮތަށް، ޖެނުއަރީ މަހަށް ބަދަލުކުރުމަށް ނިންމާފައެވެ.

comment ކޮމެންޓް