މަގުމައްޗަށް ފެން ފައިބާގޮތަށް ހުރި 30 ގެއެއް އިސްލާހުކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލޭގެ ބައެއް ގޭގެއިން މަގުމައްޗަށް ފެން ފައިބާ މައްސަލަ ވަނީ ބޮޑުވެފައެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އިމާރާތްތަކުން ފެން ފައިބާ މައްސަލައަކީ ޒަމާނުއްސުރެ މާލެ ސިޓީގައި ހައްލުނުކުރެވި އޮތް މައްސަލައެއް ކަމަށެވެ.
މިގޮތުން، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ފެށިފައިވާކަން ފާހަގަކޮށް އާޒިމް ވިދާޅުވީ، މި މަހު އެކަނި ވެސް މަގަށް ފެން ފައިބާ ގޮތަށް ހުރި 30 ތަނެއް ފާހަގަކުރެވިފައިވާތީ، އެ ތަންތަން މަރާމާތުކުރަން އަންގާފައިވާ ކަމަށެވެ.
"މާލޭގައި ހުރި މައްސަލަތައް ހައްލުކުރަން ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ،" މޭޔަރު ފާހަގަކުރެއްވިއެވެ.
މި މައްސަލައާއި ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ، ފަހާގަކުރެވުނު އިމާރާތްތައް މަރާމާތުކުރަން ސިޓީ ކައުންސިލުން އެކި ތަންތަނަށް ދެނީ އެކި މުއްދަތު ކަމަށެވެ.
"އެބަހުރޭ ހަމައެކަނި ކުޑަކުޑަ އޭސީ ހޮޅިއަކުން. އޭތި ބަންދުކޮށްލެވޭނެ އެއް ދުވަހުން،" ޝަތުފާ ވިދާޅުވިއެވެ.
އެކަމަކު، ބައެއް އިމާރާތްތައް ހަދާފައި ހުންނަ ގޮތުން ވެސް މަގުމައްޗަށް ފެން ފައިބަން މެދުވެރިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކަންކަން ހައްލުކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ.
މި މައްސަލަ ހައްލުނުވާ ކަމަށްވާނަމަ ކައުންސިލުން އެންމެ ފުރަތަމަ ފޮނުވާނީ ސިޓީއެއް ކަމަށާއި އެއަށް ފަހު ނޯޓިސް ފޮނުވައިގެން ވެސް މައްސަލަ ހައްލުނުވާ ކަމަށްވާނަމަ އެ ބަޔަކު ޖޫރިމަނާކުރާނެ ކަމަށް ޝަތުފާ ވިދާޅުވިއެވެ.
މިގޮތުން، ޖޫރިމަނާ ކުރާނީ 500 ރުފިޔާއިން ކަމަށާއި މި މައްސަލަ ރަނގަޅު ނުވެ އޮތީ ކަމާ ގުޅުންހުރި އިދާރާތަކުން ދޭންވާ ސަމާލުކަން ނުދޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ބައެއް އިމާރާތްތަކުން ވަރަށް ބޮޑަށް މަގުމައްޗަށް ފެން ފައިބައެވެ.