'ސަރްފަރޯޝް'ގެ ސީކުއަލްއަށް އާމިރު ތައްޔާރު

އާމިރު ޚާންގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމު "ސަރްފަރޯޝް"ގެ ސީކުއަލްއެއް އުފައްދަން އެ ފިލްމު ގެނެސްދިން ޕްރޮޑަކްޝަން ހައުސްއިން ތައްޔާރުވަމުން އަންނަކަމުގެ ޔަގީންކަން އާމިރު ޚާން ދީފިއެވެ.

ބަތަލާ ސޮނާލީ ބެންޑްރޭއާ އެކު އާމިރު ލީޑް ރޯލް ކުޅުނު "ސަރްފަރޯޝް"އަކީ ވަރަށް ބޮޑަށް އާއްމުންގެ ތެރޭގައި މަގުބޫލުވި އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ދެވަނަ ބައެއް އުފައްދާނެ ކަމުގެ އަޑުތައް މީގެ ކުރިން ވެސް ފެތުރިފައިވާއިރު މިހާތަނަށް އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ނަމަވެސް ފިލްމަށް 25 އަހަރު ފުރުމާ ގުޅިގެން ދާދި ފަހުން ބޭއްވި ހަފުލާއެއްގައި ނޫސްވެރިންނާ ވާހަކަދައްކަމުން އާމިރު ބުނެފައިވަނީ "ސަރްފަރޯޝް"އަކީ ދެވަނަ ބައެއް އުފެއްދިދާނެ ފިލްމެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަމާ ގުޅިގެން ޕްރޮޑިއުސަރު ޖޯން މެތިއު އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ފިލްމު "ސަރްފަރޯޝް"އަށް 25 އަހަރު ފުރުން ފާހަގަކުރި ހަފްލާގައި ފިލްމުގެ މުހިއްމު ރޯލް ކުޅުނު ތަރިން ބައިވެރިވަނީ--ފޮޓޯ/ފިލްމުފެއަނިއުސް

އާއްމު ގޮތެއްގައި 90އިގެ އަހަރުތަކުގައި އުފައްދާފައިވާ ގިނަ ފިލްމުތަކަކީ ދެވަނަ ބައެއް ނުވަތަ އޭގެ ސީކުއަލްއެއް އުފެއްދުމުގެ ވިސްނުމުގައި އުފައްދާފައިވާ ފިލްމުތަކެއް ނޫނެވެ. އެހެންވެ، އޭރުގެ ފިލްމުތަކުގެ ސީކުއަލްއެއް އުފެއްދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ނޫސްވެރިންނަށް މައުލޫމާތުދެމުން އާމިރު ޚާން ބުނެފައިވަނީ "ސަރްފަރޯޝް"ގެ ދެވަނަ ބައި ގެނެސްދޭން ނިންމާފައިވަނީ ފުރަތަމަ ބަޔާ ގުޅޭ ސްކްރިޕްޓެއް ލިބުމުން ކަމަށެވެ.

އާމިރު ޚާނާއި ސޮނާލީގެ އިތުރުން ފިލްމުގައި ވަރަށް ވަރުގަދަ ނަބައިބައި މީހެއްގެ ރޯލް ނަސީރުއްދީން ޝާހު ކުޅެފައިވެއެވެ. ފިލްމަށް 25 އަހަރު ފުރުމާ ގުޅިގެން ދެވަނަ ފަހަރަށް ސިނަމާގައި ފިލްމު ބެލުމުގެ ފުރުސަތު އާއްމުންނަށް ވަނީ ހުޅުވާލާފައެވެ. ޖުމްލަ 8 ކްރޯޑް ރުޕީސް (957،600 ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 33.46 ކްރޯޑް ރުޕީސް (4،005،162 ޑޮލަރު) ލިބުނެވެ.

comment ކޮމެންޓް