ޓްރީޓޮޕްގެ ހިތުގެ ފަރުވާއަށް ބޮޑު ކުރިއެރުމެއް

ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކާ ލެއްވުމުގެ ދެވަނަ ޕްރޮސީޖާ ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކާމިޔާބުކަމާއިއެކީ ކޮށްފި-- ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކާ ލެއްވުމުގެ ދެވަނަ ޕްރޮސީޖާ ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކާމިޔާބުކަމާއެކީ ކޮށްފިއެވެ.

ޓްރީޓޮޕްއިން ބުނި ގޮތުގައި މިއީ ހިތުގެ ބަލިތަކަށް އެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ފަރުވާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތުގެ ފަރުވާއަށް ޚާއްސަ ކެތު ލެބްގައި ކާޑިއޮލޮޖީ ޓީމުން ކުރިއަށްގެންދިޔަ މި ޕްރޮސީޖާތަކުގައި، 79 އަހަރާއި 90 އަހަރުގެ ދެ ޕޭޝަންޓުންގެ ހިތުގެ ހިނގުން ރެގިއުލޭޓް ކުރުމަށް ލީޑްލެސް ޕޭސްމޭކާ ލެއްވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދަރް ޖީ ވިދާޅުވި ގޮތުގައި މިއީ ޓްރީ ޓޮޕް ހޮސްޕިޓަލަށް އަދި މުޅި ރާއްޖެއަށްވެސް ފާހަގަކޮށްލެވޭފަދަ މުހިންމު މުނާސަބަތެކެވެ.

ލީޑްލެސް ޕޭސްމޭކާ ޕްރޮސީޖާ ތައާރަފު ކުރުމާއެކު، އިތުރު ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ކުރިން ދާން ޖެހިފައިވާ ޕޭޝަންޓުންނަށް ކާޑިއެކް ކެއާގެ ޚިދުމަތް މިދަނީ ރާއްޖޭގައި ފުޅާކުރެވެމުންކަމަށާއި މިކަމުގެ ސަބަބުން 'ޕޭޝަންޓް އައުޓްކަމްސް' ރަނގަޅުވެ، ރާއްޖޭގައި ހިތުގެ ހިނގުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް، ފަރުވާ ހޯދުމަށް ހިނގާ ޚަރަދުތައް ކުޑަވެގެންދާނެކަމަށް ސީއީއޯ ޑރ. ސްރީވަތްސަން ސްރީދަރް ޖީ އިތުރަށް ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކާ ލެއްވުމުގެ ދެވަނަ ޕްރޮސީޖާ ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކާމިޔާބުކަމާއިއެކީ ކޮށްފި-- ފޮޓޯ:ޓްރީޓޮޕް ހޮސްޕިޓަލް

ލީޑްލެސް ޕޭސްމޭކާއަކީ ހިތުގެ ހިނގުން މަޑުކޮށްދިނުމަށް، ސީދާ ހިތުގެ ތެރެއަށް ލައްވާ "ސެލްފް ކޮންޓެއިންޑް" ކުޑަ ޑިވައިސްއެކެވެ. އާދައިގެ ޕޭސްމޭކާތަކާ ޚިލާފަށް، މިފަދަ ސެލްފް ކޮންޓެއިންޑް ޑިވައިސްތަކުން ކަރަންޓު ޖެނެރޭޓް ކުރުމަށް އިތުރު ބެޓެރި އަދި ނަރުތަކެއް ގުޅާފައެއް ނުހުންނާނެއެވެ. މީގެ ސަބަބުން ޕޭސްމޭކާ ލައްވާފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ޓްރީޓޮޕްއިން ބުނެއެވެ.

އެ ހޮސްޕިޓަލުން ބުނީ މިފަދަ މިނިމަލީ އިންވޭސިވް ޕްރޮސީޖާތަކަކީ އުމުރުން ދުވަސްވީ މީހުންނަށް މޭޖާ ސާޖަރީއަކަށް ދިއުމުގެ ބަދަލުގައި ފަސޭހައިން ކޮށްލެވޭ ޕްރޮސީޖާތަކެއް ކަމަށެވެ.

މި ޕްރޮސީޖާގެ ކޮސްމެޓިކް އިމްޕެކްޓް ކުޑަވުމާއި ދެތިން ދުވަހެއްގެ ތެރޭގައި އާންމު ދިރިއުޅުމަށް ރުޖޫޢުވެވޭތީ، މިފަދަ ޕްރޮސީޖާ ކުރާ މިންވަރު މިވަނީ ދުނިޔޭގެ ނިސްބަތުންވެސް އިތުރުވެފައި ކަމަށް ޓްރީޓޮޕް އިން މައުލޫމާތު ދިނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ޑައިރެކްޓަރު ޑރ. މްލާޑެން ނޯޓެކް ވިދާޅުވީ މި ކާމިޔާބީ ހާސިލްކުރެވުނީތީ ކާޑިއޮލޮޖީން ފަޚުރުވެރިވާ ކަމަށެވެ.

"އެބޭފުޅުންގެ ތަޖުރިބާއާއި، ޓްރީޓޮޕް ހޮސްޕިޓަލުގެ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ކާޑިއެކް ކެއާގެ އެންމެ ފަހުގެ ކުރިއެރުންތައް، އަޅުގަނޑުމެންގެ ޕޭޝަންޓުންނަށް، ރާއްޖޭގައި އަޅުގަނޑުމެން މިގެންދަނީ ފޯރުކޮށްދެމުން،" ޑރ. މްލާޑެން ނޯޓެކް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން އަމާޒަކީ، ޒަމާނީ އަދި އީޖާދީ ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ މިންވަރާއި ޚަރަދުތައް ކުޑަކުރަން ފުރުސަތު ދިނުމެވެ.

comment ކޮމެންޓް