ދުނިޔެއިން ރާއްޖެ ބަލަނީ ފަތުރުވެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި: މިނިސްޓަރު

އޭޓީއެމް 2024ގައި އެމްއެމްޕީއާރުސީއިން ބޭއްވި 'މޯލްޑިވްސް މީޑިއާ މީޓްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ --

ފަތުރުވެރިކަން ފުޅާކުރުމުގައި މުޅި ދުނިޔެއިން ވެސް ނަމޫނާއަކަށް ބަލަނީ ރާއްޖެ ކަމަށާއި މި ސިނާއަތުގެ ބާނީއަކަށްވުމަކީ ލިބޭ ފަޚުރެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި އޮތް އޭޓީއެމް 2024ގައި އެމްއެމްޕީއާރުސީއިން ބޭއްވި 'މޯލްޑިވްސް މީޑިއާ މީޓް'ގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ މީގެ 50 އަހަރު ކުރިން ދިވެހިން އުފަންކުރުވި ފަތުރުވެރިކަމުގެ އަމިއްލަވަންތަ ބްރޭންޑާއި އީޖާދީ އުކުޅުތައް މިއަދު މުޅި ދުނިޔެއިން ވެސް ބަލަނީ ނަމޫނާއެއްގެ ގޮތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ޕްރައިވެޓް ސެކްޓަރާ ގުޅިގެން މަސައްކަތްކޮށް، އެންމެ މަތީ ފެންވަރުގައި ޚިދުމަތް ދެމުންދާކަން ސަރުކާރުން ކަށަވަރުކުރާ ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަން ވެސް ހިމެނޭ ގޮތަށް ހަތަރު ކެޓަގަރީން ރާއްޖެއަށް ލިބުނު އެވޯޑުތަކެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ދުވަހެއް ދުވަހަކަށް ބަދަލުވަމުންދާ ދިއުން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ މި ފަދަ ބަދަލުތަކާ އެކީ ކުރިޔަށްދެވޭނެ ގައުމެއްކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ. އެ ގޮތުން ކޮވިޑް19-ގެ އާލަމީ ވަބާއަށް ފަހު ރާއްޖެއިން ނުކުތީ އޭގެ ކުރިން އޮތް ހާލަތަށްވުރެ މާ ފުރިހަމަކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު، އަޅުގަނޑުމެން ލަފާކުރަނީ، މި އަހަރު %6.5 އިތުރުވާނެ ކަމަށް. މިއީ އަހަރެއްގެ މައްޗަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އިތުރުކުރުމުގެ އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މި ކުރިއެރުމުގެ އަސްލަކީ، ރާއްޖެއަށް ވަފާތެރި ފަތުރުވެރިންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުގެ އިތުރުން، މި ސިނާއަތުގެ ލީޑަރުންނާއި ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތެވެ.

ދިވެހި ފަތުރުވެރިކަން އިތުރުވެ މިހާރަށް ވުރެ ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވައިލެއްވިއެވެ.

އެ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ލުއިފަސޭހަކޮށްދީ، އެއާޕޯޓުގެ ތަޖުރިބާ ވީހާ ވެސް ރަނގަޅަށް ގެންގޮސްދިނުމަށްޓަކައި ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ވަރަށް އުންމީދީ ޕްލޭންތަކެއް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ފަހު ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ހުޅުވޭނެކަމާ މެދު ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަދި އެ މަޝްރޫއު ނިމުމުން ރާއްޖޭގެ މައި އެއާޕޯޓުން ޚިދުމަތް ދެވޭ ފަސިންޖަރުންގެ އަދަދު ހަތް މިލިއަނަށް އިތުރުވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަހުން އިފުތިތާހު ކުރެއްވި މައި އެއާޕޯޓްގައި ތަރައްގީކުރާ މެގަ ޕްރޮޖެކްޓާ އެކު އެ އަދަދު 25 މިލިއަނަށް އިތުރުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރަށް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓު އެޅުމަށް ވެސް ސަރުކާރުން ރާވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަ ނިންމަވައިލައްވަމުން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށެވެ. އެހެން ނަމަވެސް އެ ކަން ކަށަވަރު ކުރެވޭނީ އީޖާދީ ގޮތްތައް ހޯދައި، ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް