ރަށްރަށުގައި ކޮމިއުނިޓީ ސާވިސް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ދިރާސާއެއް ހަދަނީ

ހޯމް މިނިސްޓްރީން މިއަދު ބޭއްވި 'ހޯމް ޓީމް' ނޫސްވެރިންގެ ބައްދަލުވުމުގައި ކަރެކްޝަނަލް ސާވިސްގެ އޭސީޕީ މުހައްމަދު އާސިފް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ނާއިޝް ނާހިދު

އަތޮޅުތެރޭގެ ރަށްތަކުގައި ކޮމިއުނިޓީ ސާވިސް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ދިރާސާއެއް ހެދުމަށް ނިންމާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސަސްއިން ބުނެފިއެވެ.

ހޯމް މިނިސްޓްރީން އިއްޔެ ބޭއްވި 'ހޯމް ޓީމް' ނޫސްވެރިންގެ ބައްދަލުވުމުގައި ކަރެކްޝަނަލް ސާވިސްގެ އޭސީޕީ މުހައްމަދު އާސިފް ވިދާޅުވީ ކޮމިއުނިޓީ ސާވިސްއަށް ހުކުމް ކޮށްފައި ތިބި 54 މީހަކު އެ ޚިދުމަތުގެ ބެލުމުގެ ދަށުގައި އެބަ ތިބި ކަމަށާއި އޭގެތެރެއިން ހަތަރު މީހަކު ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ.

ކޮމިއުނިޓީ ކަރެކްޝަން ޕްރޮގްރާމަކީ ކުދި ކުށްތައް ކުރާ މީހުން ޖަލަށް ނުލައި، މުޖުތަމައުގައި އެމީހުން ބައިތިއްބައިގެން ކުށުގެ ވެށިން އެމީހުން ނެރެދިނުމަށްޓަކައި ހިންގާ ޕްރޮގްރާމެކެވެ.

އާސިފް ވިދާޅުވީ، މިވަގުތު މި ޕްރޮގްރާމް ހިންގުމަށް އޮތް އެންމެ ބޮޑު ދައްޗަކީ، މި ޕްރޮގްރާމްގައި އުޅޭ ގިނަ މީހުންނަކީ ރާއްޖެތެރޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުން ކަމަށްވާތީ، އެރަށްރަށުން ހޯދަން ޖެހޭ އެހީތެރިކަން ހޯދުމަށް ހުރި ދަތިކަން ކަމަށެވެ.

"މި ދަތިކަން ފިލުވުމަށްޓަކައި އަޅުގަނޑުމެން ބްރިޓިޝް ހައިކޮމިޝަންގެ އެހީތެރިކަމާ އެއްކޮށް، ކޮންސަލްޓަންޓެއް ހަޔާކޮށް، އެ ކޮންސަލްޓަންޓާއެކު ރާއްޖޭގެ ތިން ރަށަކަށް ދަތުރު ކުރުމުގެ މަސައްކަތް މި އަންނަ މަހު ފަށާނަން،" އާސިފް ވިދާޅުވިއެވެ.

އެ ދަތުރުތަކުގައި އެރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކާ ބައްދަލުކޮށް، އެފަރާތްތަކަށް ކަރެކްޝަންގެ ފަރާތުން ބޭނުންވާ އެހީތެރިކަން އަދި ކަރެކްޝަނަށް ބޭނުންވާ އެހީތެރިކަން ބެލުމަށް ދިރާސާއެއް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ، އެ ދިރާސާއަށް ފަހު، މި ޕްރޮގްރާމް ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާނެ ކަމަށެވެ.

comment ކޮމެންޓް