70 ޕަސެންޓް މީހުން ގަބޫލުކުރަނީ ސިޔާސީ ޕާޓީތަކުން އާންމު މަސްލަހަތު އިސްނުކުރާ ކަމަށް

އިންތިޚާބަކަށް ޕާޓީތަކުން ބެނާ ދަމައިފައި: ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަސްލަހަތު އިސްނުކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ އާންމު މަސްލަހަތު އިސްކޮށްގެން ކަމަށް، އާބާދީގެ 70.9 ޕަސެންޓް މީހުން ގަބޫލުނުކުރާ ކަމަށް, ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ހެދި ސާވޭއަކުން ދައްކައިފިއެވެ.

އެޗްއާރުސީއެމްއިން ވަނީ، 705 އަންހެނުންނާއި 562 ފިރިހެނުން ހިމެނޭ ގޮތަށް، ޖުމްލަ 1267 މީހުންނާ ސުވާލުކޮށްގެން ހެދި ސާވޭއެއްގެ ރިޕޯޓު ނެރެފައެވެ. 'ބިޔޯންޑް ޓޫ ޑެކޭޑްސް: ޓުވެންޓީ އިޔާސް އޮފް ދަ ރައިޓްސް ސައިޑް އޮފް ލައިފް'ގެ ނަމުގައި ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ ސާވޭގައި ވަނީ މާލެ ސަރަހައްދާއި ކުޅުދުއްފުށި ސިޓީއާއި އައްޑޫގެ ސިޓީގެ އިތުރުން 25 ރަށަކާއި ހަތަރު ރިޒޯޓެއްގައި މީހުންނާ ސުވާލުކޮށްފައެވެ.

އެ ސާވޭގައި، އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން މީހުންގެ ހޭލުންތެރިކަން ހުރި މިންވަރާއި ގޭތެރޭގައި އުޅުން ބަހައްޓަން ޖެހޭ ގޮތާ ގުޅޭ ގޮތުން މީހުން ދެކޭ ގޮތުގެ ޚިޔާލު ވެސް ހޯދައިފައިވެއެވެ.

މީގެ އިތުރުން 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީއާއެކު، ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާ ޑިމޮކްރެޓިކް ނިޒާމާ ގުޅޭ ގޮތުން ވެސް މީހުންގެ ޚިޔާލު ހޯދައިފައިވެއެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގު: ގިނަ މީހުން ސިޔާސީ ޕާޓީތަކަށް އިތުބާރު ނުކުރާ ކަމަށް އެޗްއާރުސީއެމުން ހެދި ސާވޭއިން ދައްކާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ސާވޭއިން ދެއްކި ގޮތުގައި، ޑިމޮކްރެޓިކް އިސްލާހުތަކުން ފައިދާ ލިބުނު ކަމަށް ގަބޫލުކުރަނީ 27.6 ޕަސެންޓް މީހުން ކަމަށްވާއިރު، އޭގެ ސަބަބުން ފައިދާއެއް ނުވާ ކަމަށް 40.3 ޕަސެންޓް މީހުން ގަބޫލުކުރެއެވެ. އަދި އިސްލާހުތަކާމެދު ޝައްކުތަކެއް އުފެދިފައިވީ ނަމަވެސް، އޭގެ ސަބަބުން ބައެއް ހެޔޮ ބަދަލުތައް އައިސްފައިވާ ކަމަށް 15.7 ޕަސެންޓް މީހުން ދެކެއެވެ.

އެހެންވެ، އިސްލާހުތަކާއެކު ދައުލަތުން ގެންނަން ބޭނުންވާ ބަދަލުތަކާއި އެ ބަދަލުތަކުން ލިބޭ ފައިދާއާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ތަފާތު ކަމަށް ރިޕޯޓުގައިވެއެވެ. އޭގެ ސަބަބުން، އެ އިސްލާހުތަކުން އިންސާނީ ހައްގުތަކާއި އިޖުތިމާއީ އިންސާފު ގާއިމުކުރެވޭ މިންވަރާ މެދު ކަންބޮޑުވުން އުފެދޭ ކަމަށް ރިޕޯޓުގައިވެއެވެ.

އެ ސާވޭގައި ބައިވެެރިވި މީހުން ވަނީ ޑިމޮކްރެޓިކް އިސްލާހުތަކުން ލިބެން ޖެހޭ ފައިދާ ނުލިބޭ ސަބަބުތަކާ މެދު ވެސް ވާހަކަ ދައްކައިފައެވެ. އެގޮތުން އެންމެ ގިނަ މީހުން ގަބޫލުކުރަނީ އިސްލާހުތަކުން ފައިދާ ނުލިބެނީ ކޮރަޕްޝަނުގެ ސަބަބުން ކަމަށް ބުނެފައެވެ. އެއީ 21.6 ޕަސެންޓް މީހުންނެވެ.

މީގެ އިތުރުން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި:

  • ސިޔާސީ ޕާޓީތަކުގެ ތެރޭގައި އޮތް މައްސަލަތައް - 17.9 ޕަސެންޓް
  • ނާގާބިލު މީހުންނަށް ވަޒީފާ ދިނުން - 10.5 ޕަސެންޓް
  • މަޖިލީހުން ޒިންމާ އަދާނުކުރުން - 7.75 ޕަސެންޓް

ހަމައެއާއެކު، 70.9 ޕަސެންޓް މީހުން ވަނީ ސިޔާސީ ޕާޓީތަކުގެ މަސައްކަތާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފައެވެ. އެގޮތުން އާންމު ރައްޔިތުންގެ ބޭނުންތައް ޕާޓީތަކުން ފުއްދައިނުދޭ ކަމަށް އެ މީހުން ބުނެފައިވެއެވެ.

އެޗްއާރުސީއެމްގެ ރިޕޯޓުގައިވަނީ، އެ ކޮމިޝަނުން އިންތިޚާބުތަކާ ދިމާކޮށް ކުރާ ސާވޭތަކުގައި ވެސް ރައްޔިތުން އެފަދަ ޝުއޫރުތައް ފާޅުކުރާކަން ފާހަގަކޮށްފައެެވެ. އެގޮތުން ދާއިރާ ތަމްސީލު ކުރާ މެންބަރުންނާ ގުޅުން ހީނަރުކަމުގެ ކަންބޮޑުވުން މީހުން ފާޅުކުރާ ކަމަށް ރިޕޯޓުގައިވެއެވެ.

އެފަދަ ކަންބޮޑުވުންތަކުން ދައްކުވައިދެނީ ވެރިކަމަށް އޮތް އިތުބާރު ކުޑަވުން ކަމަށާއި، އެ މައްސަލަތަކާ ހެދި އިންސާނީ ހައްގުތައް ހީނަރުވާކަން ކަމަށް އެ ރިޕޯޓުގައިވެއެވެ. އެހެންވެ، ޑިމޮކްރެޓިކް މާހައުލެއް ގާއިމުކުރުމަށް ޓަކައި އެފަދަ މައްސަލަތައް ހައްލުކުރުން މުހިންމު ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

comment ކޮމެންޓް