ހިޔާ ފްލެޓްގެ ލިފްޓު މެއިންޓެނެންސް މަސައްކަތް ކުރުން ހަތަރު ކުންފުންޏަކަށް

ހިޔާ ފްލެޓުތައް--- ސަން ފޮޓޯ/ ޢަބްދުﷲ ޙުސައިން

ހިޔާ ފްލެޓުގެ ލިފްޓުތަކުގެ މެއިންޓެނެންސް މަސައްކަތް ހަރުދަނާކޮށް އެންމެ އެކަށީގެންވާ ގޮތުގައި ކުރުމަށް، އެ މަސައްކަތް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޖެނެރަލް މެނޭޖަރު އިސްމާއީލް އަގީލް ވިދާޅުވީ، ހިޔާ ފްލެޓް ސަރަހައްދުގެ 54 ލިފްޓް މީގެ ކުރިން މެއިންޓެއިން ކުރީ ދެ ކުންފުންޏަކުން ކަމަށެވެ.

ރާއްޖޭގެ އެންމެ އުސް އިމާރާތްތައް މެއިންޓެއިން ކުރުމުގެ ގާބިލުކަން ގައުމުގައި ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި ލިފްޓުތައް މައްޗަށް ދަތުރު ކުރުމާއި ބޭނުންކުރާ މިންވަރު އިތުރުވުމުން އަވަސްއަވަހަށް މެއިންޓެއިން ކުރަން ޖެހޭކަމަށެވެ.

"މިހާރު އަޅުގަނޑުމެން އެންމެ ފަހުން ކޮންޓްރެކްޓް ހެދިގެން މި ދިޔައީ ހަތަރު ބައި މީހުންނާ. އެއީ ވެސް މި ޚިދުމަތް އަވަހަށްދީ އެފިޝިއެންޓް ކުރުމަށްޓަކައި،" އަގީލް ވިދާޅުވިއެވެ.

އެ ކުންފުނިތަކުގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.

ހިޔާ ފްލެޓުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަނީ ފްލެޓް އެކަކުން ފެށިގެން ހަތަރަކާ ހަމައަށެވެ. ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމޭނީ އެއް އަހަރު ފަހުންނެވެ.

މުޅި ޓަވަރުގެ މެއިންޓެެއިނަންސް މަސައްކަތް ކުރިއަށް ދާގޮތަށް އަލިއަޅުވާލައި އެޗްޑީސީގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު ސިރާޖު ވިދާޅުވީ، އަބަދު ވެސް ފްލެޓުގެ މެއިންޓެއިނެންސްއަށް މަސައްކަތް ކުރާކަމަށެވެ. އަދި މައްސަލައިގެ ބާވަތުން ވަގުތުން ވެސް އެކަމެއް ހައްލުކުރަން މަސައްކަތް ކުރާކަމަށް އޭނަ ވިދާޅުވިއެވެ.

ނަމަވެސް، ހިޔާ ޓަވަރުތަކުގެ މަތީ ފްލޯތައް މެއިންޓެއިން ކުރުމުގައި ގޮންޖެހުން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިވަރުގެ ބޮޑު އާބާދީއެއްގެ ގިނަ ކަންތައްތައް ހައްލު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާއިރު ބައެއް ކަންކަން އެބަހުރި ކޮންމެވެސް ކަހަލަ ލަސްވުމެއް އަންނަ. އެއީ މަސައްކަތް ކުރުމުގައި ދިމާވާ ދަތިކަމެއްގެ ސަބަބުން އަދި ވަސީލަތްތަކުގައި ހުރި އުނދަގޫކަމުގެ ސަބަބުން،" އޭނާ ވިދާޅުވިއެވެ.

ގޮންޖެހުންތައް ދިމާވާ ކަންކަމުގެ ތެރޭގައި އުސް ޓަވަރެއްގެ މަތިން ރެނދުލުމުގެ މައްސަލައެއް ދިމާވެއްޖެ ނަމަ، އެ މައްސަލަ ހައްލު ކުރަން ވަސީލަތުގެ ގޮންޖެހުން ހުރުމުން އެކަމަށް ލަސްވުމެއް އަންނަ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ނަމަވެސް، އެ މައްސަލަތައް ކެމިކަލް ބޭނުންކޮށްގެން ހައްލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް