އައްޑޫސިޓީގެ މަތިކިޅި އިކޯގާޑަންއަށް ވަނުމަށްޓަކައި ދިވެހިން އަތުން 10 ރުފިޔާ އަދި ފަތުރުވެރިން އަތުން 50 ރުފިޔާގެ ފީއެއް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ވަނީ، މިއީ މީދޫގެ ކޮމިއުނިޓީން ތަރައްގީ ކޮށްފައިވާ އިކޯ ގާޑަން ބެލެހެއްޓުމަށްޓަކައި، ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެއް ކަމަށެވެ. އަދި މި ގަވާއިދުގެ ބޭނުމަކީ އިކޯ ގާޑަން ދެމެހެެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، އެތަނުގެ އެކިއެކި ސަރަހައްދުތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރާނެ ލުއި ފަސޭހަ ގޮތްތައް ބަޔާންކުރުން ކަމަށް އެ އިއުލާނުގައި ވެއެވެ.
އިކޯ ގާޑަންއަށް ވަނުމަށް ފީނަގަން ހަމަޖެހިފައި ވަނީ ޓިކެޓު ވިއްކައިގެންނެވެ. މި ޓިކެޓުގެ ދަށުން، އިކޯ ގާޑަންއަށް ވަދެވޭނީ ގިނަވެގެން 45 މިނިޓަށެވެ.
އިކޯ ގާޑަންއަށް ވަނުމަށް ޓިކެޓު ވިއްކަން ހަމަޖެހިފައި ވަނީ ދެ ގިންތިއެއްގެ ދަށުންނެވެ. އެއީ:
- ދިވެހިން: 10 ރުފިޔާ
- ރާއްޖެއިން ބޭރު ބޭރުމީހުން (ފަތުރުވެރިން): 50 ރުފިޔާ
- ވޯކް ވިސާގައި ތިބޭ މީހުން: 15 ރުފިޔާ
ޕާޓީތަކަށާއި ހަފުލާތަކަށް ވެސް އިކޯ ގާޑަން ކުއްޔަށް ދޫކުރާނެއެވެ. އެގޮތުން މިފަދަ ހަފުލާތަކަށް ކުއްޔަށް ދޫކުރަން ހަމަޖެހިފައި ވަނީ އެންމެ ގިނަވެގެން ތިން ގަޑިއިރަށެވެ. އެއީ 800 ރުފިޔާއަށެވެ. ތިން ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 100 ރުފިޔާ އިތުރަށް ނަގާނެއެވެ. އަދި ގަޑިއިރެއް ހަމަ ނުވިކަމުގައި ވީނަމަވެސް މި ފީ ނަގާނެއެވެ.
ސިޓީ ކައުންސިލުގެ އިއުލާނުގައި ވާގޮތުން، އިކޯ ގާޑަންއިން ލިބޭ އާމްދަނީ ޖަމާ ކުރާނީ އައްޑޫ ކޮންޒަވޭޓިވް ޓްރަސްޓް ފަންޑަށެވެ.
އައްޑޫސިޓީގެ މަތިކިޅި ސަރަހައްދު ހިންގައި ބެލެހެއްޓުން އައްޑޫ ސިޓީ ކައުންސިލާ ހަވާލު ކޮށްފައި ވަނީ މިދިޔަ ސަރުކާރުންނެވެ. މިއީ ރާއްޖޭގައި ގާއިމްކުރި މިފަދަ ފުރަތަމަ އިކޯ ގާޑަންއެވެ.