ބިން ހިއްކުން ހުއްޓާލުމަށް އެންގި އެންގުމަށް މަސީން ތާއިދުކޮށްފި

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން -- ފޮޓޯ/ ރައީސް އޮފީސް

ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާތަށް ހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫތައް ހުއްޓާލަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެންގި އެންގުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓަކްޝަން އިންޑަސްޓްރީ (މަސީ)އިން ތާއިދުކޮށްފިއެވެ.

މި ދުވަސްވަރު ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ، ބިންހިއްކުމާއި ފަޅު ކޮނުން ފަދަ މަސައްކަތްތައް އަންނަ މަހު 10ގެ ނިޔަލަށް ހުއްޓާލުމަށް އީޕީއޭއިން އެންގީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެކަމަށް ތާއިދުކޮށް މަސީން ނެރުނު ބަޔާނެއްގައި ބުނީ، ފަރުތަކުގެ ގާތަށް ހުދުވާތީވެ، ދިގު މުއްދަތަކަށް ކުރާ އަސަރުތައް ކުޑަކުރުމަށް އީޕީއޭއިން ކަނޑައެޅި ފިޔަވަޅުތަކަކީ މުހިންމު ފިޔަވަޅުތަކެއް ގޮތުގައި ދެކޭ ކަމަށެވެ.

ހޯރަފުށީ ކައީރިގައި އޮންނަ މާފިނޮޅުގައި އެއާޕޯޓް އަޅަން ބިން ހިއްކަނީ-- ފޮޓޯ: އެމްޓީސީސީ

"އެންމެން އެއްކޮށް މި ފިޔަވަޅުތައް ތަންފީޒުކުރުމުން، ގާ ހުދުވުމުގެ އަސަރުތައް ކުޑަކޮށް، އަޅުގަނޑުމެން ގެންނަ ތަރައްގީއަކީ ދެމެހެއްޓެނިވި، ދިގުދެމިގެންދާ ތަރައްގީކަން ކަށަވަރުކޮށް، އަޅުގަނޑުމެންގެ ވެށި ހިމާޔަތްކުރެވޭނެ،" އެ ބަޔާނުގައިވެއެވެ.

އެއާއެކު، އީޕީއޭގެ އިރުޝާދުތަކަށް ތަބާވުމަށް މަސީގެ ހުރިހާ މެންބަރުންނަށާއި ސްޓޭކްހޯލްޑަރުންނަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އިން ވެސް ވަނީ އީޕީއޭގެ އެންގުމަށް އަމަލު ކުރަން ގޮވާލައިފައެވެ.

ބިން ހިއްކުން ހުއްޓާލަން އަންގައި އީޕީއޭއިން ބުނީ، ރާއްޖޭގެ ސަރަހައްދު އޮތީ "އެލާޓް ލެވަލް 1"ގައި ކަމުގައިވެފައި ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯޓް ލިބެމުންދާތީ އަންނަ މަހު 10ގެ ނިޔަލަށް ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.

https://sun.mv/191772

ބިންހިއްކުމުގެ އިތުރުން ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މި ނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތްކުރުން، އެ އިއުލާނުގެ ދަށުން އީޕީއޭއިން ވަނީ މަނާކޮށްފައެވެ. އެ މަސައްކަތްތަކަށް އީއައިއޭ ހެދުން ވެސް ހުއްޓާލަން ވަނީ އަންގައިފައެވެ.

comment ކޮމެންޓް