ކޭޝް ޑިިކްލެރޭޝަން ހަރުދަނާކޮށް 10،000 ޑޮލަރަށްވުރެ ގިނަނަމަ ސުވާލުކޮށް ހިފަހައްޓަނީ

ޖުލައި 19، 2021: ފަތުރުވެރިން ރާއްޖޭ މައި އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރަށް 10,000 ޑޮލަރަށްވުރެ ގިނައިން ނަގުދު ފައިސާ ގެންދާނަމަ އެ ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްތޯ ޔަގީންކުރަން ދެން ހިފަހައްޓާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިރުގައި ބައެއް ބިދޭސީން ރާއްޖެ އެތެރެވެ، ބޭރުވާއިރު ދެތިން ލައްކަ ޑޮލަރު ރާއްޖެއިން ބޭރަށް ހިފައިގެން ގެންދާ ކަމަށެވެ.

ނަމަވެސް މިހާރު އަލުން ކޭޝް ޑިކްލެރޭޝަންގެ އުސޫލުތައް ހަރުދަނާކޮށް އެ ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްތޯ އަހައި ކަށަވަރުކޮށް ބަލާނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

"ދިވެއްސަކު ވިޔަސް، ބޭރު މީހަކު ވިޔަސް ރާއްޖެއިން ބޭރަށް، 10،000 ޑޮލަރަށްވުރެ މަތިން ޑޮލަރު ހިފައިގެން ދާ ކަމަށް ވެއްޖެޔާ، ދިވެހި ފައިސާ ވިޔަސް، ބޭރު ފައިސާ ވިޔަސް ގެންދާއިރުގައި އެ ހިފަހައްޓައިފައި ރަނގަޅަށް ޑިކްލަޔާ ކުރުން، މާނައަކީ އެއީ ކޮންތާކުން ކިހިނެއް ލިބުނު އެއްޗެއްތޯ ގާނޫނީ އިމުގެ ތެރެއިން ބަލާއިރު އެއީ ހަމަޖެހޭ ޖެހޭ ވާހަކައެއްތޯ އެ މީހާ އެ ދައްކަނީ ބަލައިފައި އެ ޑިކްލެރޭޝަން ނިމުނީމަ ނޫނިއްޔާ ނޫނީ އަޅުގަނޑުމެން އެ ފައިސާ ދުލެއް ނުކުރާނަން،" އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ ނަގުދު ފައިސާ ރާއްޖެއިން ބޭރުކުރުން މިހާރު އޮތީ ގާތްގަނޑަކަށް ހުއްޓިފައި ކަމަށެވެ.

ފައިސާގެ އެކި މައްސަލަތައް އާންމުކޮށް ވެސް ދިމާވެއެވެ. ގިނަ ފަހަރު މި ފަދަ މައްސަަލަ ފާހަގަވަނީ މަނީ ލޯންޑަރިން ކުރުމާއި އެ ފަދަ ބޮޑެތި ކުށްކުށަށް އަރައިގަންނަ މީހުންގެ ފަރާތުންނެވެ.

comment ކޮމެންޓް