ސޮފްޓްވެއާ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީއަށް ބިނާކޮށް ޤައުމީ ކޮމްޕިއުޓާ ވިއުގާ ނޭޝަނަލް ކޮމްޕިއުޓާ ނެޓްވޯކް (އެންސީއެން) ގެ ޚިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ބޭނުންވާ ދިރާސާ ހެދުމަށް، ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ އެން އޭބަލް ޕްރައިވެޓް ލިމިޓެޑާއި އެކު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމެއް ކަމަށެވެ.
އެސްޑީވޭން ޓެކްނޯލޮޖީއަކީ އިންޓަނެޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެކި ޖިއޯގްރަފިކް ލޮކޭޝަންތަކުގައި ހުންނަ ބްރާންޗް އޮފީސްތައް ގުޅާލުމަށް ބޭނުންކުރާ ނެޓްވޯކް ޓެކްނޯލޮޖީއެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ނަމަވެސް ސަރުކާރުގެ ވަކިވަކި އިދާރާތަކާއި، އެ އިދާރަތުގެ ބްރާންޗް އޮފީސްތަކާއި، ބޭނުންކުރާ ސިސްޓަމްތަކުގެ އެކްސެސް ކައުންސިލްތަކަށް، އެއް ވިއުގައެއްގެ ތެރެއިން ދިނުމަށް ޓަކައި މި ޓެކްނޯލޮޖީއަކީ ޓެކްނިކަލް އަދި މާލީގޮތުން ފީޒިބަލް ޓެކްނޯލޮޖީއެއްތޯ ދެނެގަތުމަށް އިތުރަށް ދިރާސާ ކުރަންޖެހޭކަމަށް ވަނީ ބުނެފައެވެ.
އެގޮތުން އެން އޭބަލް ޕްރައިވެޓް ލިމިޓެޑް އަށް އެންސީއައިޓީ އިން ފޯރުކޮށްދީފައިވާ ރިކުއަޔަމަންޓާއި އެއްގޮތަށް މި ޓެކްނޯލޮޖީ ބޭނުންކުރެވޭތޯ ބެލުމަށް ޕްރޫފް އޮފް ކޮންސެޕްޓް ހެދުމުގައި އެންސީއައިޓީއަށް ފަންނީ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މި މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރެވުނީ ހަތަރު މަސް ދުވަހުގެ މުއްދަތަށް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެންސީއެން އަކީ ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ދޭން އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތައް ރަށުކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް ފޯރުކޮށްދިނުމާއި އަދި އެކި އިދާރާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއި ހިއްސާކުރުމަށް ޓަކައި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އާއި ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޤާއިމްކޮށްފައިވާ ކޮމްޕިއުޓާ ވިއުގައެކެވެ.
މީގެ އެންމެ ފުރަތަމަ މި ވިއުގަ ޤާއިމްކޮށްފައިވަނީ 2000 އަހަރު ތަކުގެ ތެރޭގައި ސެޓަލައިޓް މެދުވެރިކޮށެވެ. ނަމަވެސް ޓެކްނޯލޮޖީއަށް އައި ކުރިއެރުމާއި އަގުތަކަށް އައި ބަދަލާއެކު 2014 އިން ފެށިގެން މި ނެޓްވޯކް އޮޕަރޭޓްކުރަނީ ދިރާގު އަދި އުރީދޫއިން ޤާއިމްކޮށްފައިވާ މުވާސަލާތީ ބިނާވެށީގައެވެ.
ނަމަވެސް މިއީ އަގުބޮޑު ޚިދުމަތަކަށްވުމުންނާއި، އޮފީސްތަކުގައި ޑިޖިޓަލް ޚިދުމަތްތައް ގިނަވެފައިވާތީ މި ނެޓްވޯކްގެ ކެޕޭސިޓީ ވަނީ އިތުރުކުރަންޖެހިފައެވެ.