އަފްޣާނިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އެ ހާދިސާއާ ގުޅިގެން އެ ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ ބަޣްލާން ޕުރޮވިންސުގެ ފަސް އަވަށެއްގައެވެ. ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުގެ ރައްޔިތުން ގެދޮރުގައި ތާށިވެފައިވާ ކަމުގައި އަފްޣާނިސްތާނުގެ ތާލިބާނުންގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ޢަބްދުލް މަތީން ޤާނިޢީ ބުންޏެވެ. އެ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް އޭނާ ބުންޏެވެ.
އެ ސަރަހައްދުގައި ފެންބޮޑުވެފައިވަނީ މޫސުމީ ވިއްސާރައާ ގުޅިގެންނެވެ. ނަމަވެސް, ބޯކޮށް ވާރޭވެހޭނެ ކަމަށް ކުރިން ލަފާކުރެވިފައިނުވާތީ, އެ ސަރަހައްދުތަކުގެ އަހުލުވެރިން ރައްކާތެރިކަމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމުގައި ޣާނިޣީ ބުންޏެވެ.
އޭޕްރިލް މަހުގެ މެދެއްހާ ހިސާބުން ފެށިގެން އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކަށް ދަނީ ބޯކޮށް ވިއްސާރަ ކުރަމުންނެވެ.
ފެންބޮޑުވުމާ ގުޅިގެން އެ ސަރަހައްދުތަކުގެ ދަނޑުބިންތައް ވަނީ ހަލާކުވެފައެވެ. ޖުމުލަ 40 މިލިޔަން މީހުން ދިރިއުޅޭ އެ ސަރަހައްދުތަކުގެ އާބާދީގެ 80 އިންސައްތަ ރައްޔިތުންނަކީ, ދަނޑުބިންތަކުން ލިބޭ ފައިދާއަށް ބަރޯސާވެފައިވާ ބަޔެކެވެ. އެހެންކަމުން, ފެންބޮޑުވުމާ ގުޅިގެން އެ މީހުންގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
އެތަކެއް އަހަރެއްގެ ހަނގުރާމައަށް ފަހު އަފްޣާނިސްތާނަކީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ ފަގީރު އެއް ގައުމެވެ. ޖައްވަށް ވިހަ ގޭސްތައް ބޭރުކުރާ ގައުމުތަކުގެ ލިސްޓުގެ އެންމެ ފުލުގައި އަފްޣާނިސްތާނު އޮތް ނަމަވެސް މޫސުމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އަފްޣާނިސްތާނަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ވަރަށް ބޮޑަށް ކުރަމުންދާ ގައުމެކެވެ.