ރަފަހްގެ އިތުރު ސަރަހައްދުތަކުން މީހުން ފައިބަން އަންގައިފި

އިސްރާއީލުގެ ހަަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ޣައްޒާގެ ބައެއް. ރަފަހްގެ އިތުރު ސަރަހައްދުތަކުން މީހުން ފައިބަން އިސްރާއީލުން ވަނީ އަންގާފައި -- ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ޣައްޒާގެ ދެކުނުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަ ކުރަމުންދާއިރު، ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީން އިތުރު މީހުން ފައިބަން އިސްރާއީލުން އަންގައިފިއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މިހާރު ވެސް އެއް ލައްކައަށްވުރެ ގިނަ މީހުން ރަފަހް ދޫކޮށް ހިނގައްޖެއެވެ. ރަފަހްއަކީ ޣައްޒާގެ ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.

"އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ސަރަހައްދުތަކަށް ލީފްލެޓްތައް އަޅައި ފޯން ކޯލްތައް ކޮށްފައި މީހުން ނުކުތުމަށް އަންގާފައި. އެ މީހުން މިހާރު އަންގަމުން ދަނީ ރަފަހުގެ މެދުތެރޭގައި ތިބި ފަލަސްތީނުގެ ރައްޔިތުން އެ ތަނުން ނުކުތުމަށް،" ޣައްޒާގެ މެދުތެރޭގައި ހުރި އަލް-ޖަޒީރާގެ ނޫސްވެރިޔަކު ކިޔައިދިނެވެ.

ރަފަހްއަށް އެއްގަމު މަގުން އަރައި ހަމަލާ ދީފިނަމަ، އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ބުނެ އެމެރިކާއާއި އެހެން ގައުމުތަކުން ވެސް ވަނީ ރަފަހްއަށް ނޭރުމަށް އިސްރާއީލަށް ގޮވައިލައިފައެވެ. ނަމަވެސް، އިސްރާއީލުން ވަނީ ރަފަހްއަށް ދޭ ހަމަލާތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

އިސްރާއީލް މިހާތަނަށް އައިއިރު އެއްގަމު މަގުން ރަފަހަށް ނޭރި ނަމަވެސް ވައިގެ މަގުން އެ ސަރަހައްދަށް ދަނީ ހަމަލާ ދެމުންނެވެ.

comment ކޮމެންޓް