ކަންބޮޑުވާ ލައިވްސްޓްރީމަކަށްފަހު ޖަސްޓިން އެކައުންޓް ޑިލީޓް

ފޭނުން އެތައް މަހެއް ވަންދެއް ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ކަމަކަށް އިތުރަށް ބާރުދޭ އަމަލުތަކެއް ފެނިގެންދާ ލައިވްސްޓްރީމަކަށްފަހު ޖަސްޓިން ބީބާ އޭނާގެ އިންސްޓަގްރާމް ޑީއެކްޓިވޭޓް ކޮށްލައިފިއެވެ.

ދާދިފަހުން އެތައް ބަޔަކު ދައްކަމުން އައި އެއް ވާހަކައަކީ ޖަސްޓިން ބީބާ ބަލި ކަމުގެ ވާހަކައެވެ. މި ފާއިތުވި ދެ މަހެއްގެ ތެރޭގައި ޖަސްޓިން ވަނީ މަދުން ނަމަވެސް އާންމުންނަށް ފެނިގެން ގޮސްފައެވެ. އިވެންޓުތަކުން ބޭރުން އެކި ކަހަލަ ކުދި ބައްދަލުވުންތަކުން އޭނާ ފެނިފައިވާއިރު އޭނާ ފެނިފައިވަނީ ވަރަށް ބަލިކޮށް ހުންނަ ތަނެވެ. އޭނާ ހުންނަނީ އަބަދުވެސް ވަރުބަލިކޮށެވެ. އަދި މުޅި މީހާވެސް ހުރީ ވަރަށް ބޮޑަށް ހިކިފައެވެ.

ނަމަވެސް ޖަސްޓިންގެ ހާލު ރަނގަޅު ކަމަށް ބުނެ އޭނާގެ ރިޕްރެޒެންޓެޓިވް ވަނީ ބޮޑު ރައްދެއް ދީފައެވެ.

މިއާއެކު ޖަސްޓިންގެ އަޑެއް ނީވި މާ ގިނަ ދުވަސްތަކެއް ނުވެ ދެން ކުއްލިއަކަށް ފެނުނީ އޭނާގެ ލައިވްސްޓްރީމެކެވެ. މި ލައިވް ސްޓްރީމުން ފެނިގެންދިޔައީ ޖަސްޓިން ހާލަތު ރަނގަޅު ނޫން ކަމެވެ.

ލައިވްގައި އިތުރަށް ވާހަކަ ދައްކަމުން ޖަސްޓިން ބުނެފައިވަނީ އޭނާ އަމިއްލަ ނަފްސު މަތީން ފޫހިވާ ކަމަށެވެ. އަދި އޭގެ އިތުރުން ވެސް އަމިއްލަ ނަފްސު ދެރަކޮށްލާ ޒާތުގެ އެތައް ވާހަކަތަކެއް އޭނާ ވަނީ ލައިވް ސްޓްރީމްގައި ދައްކާފައެވެ. މިކަމާ ގުޅިގެން އަނެއްކާވެސް ފޭނުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އެތައް ބަޔަކު ބުނަމުން އަންނަނީ ޖަސްޓިންއަށް ބޭނުންވާ އެހީ އޭނާއަށް ވީހާވެސް އަވަހަށް ހޯދައިދިނުމަށެވެ.

މިފަދަ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް އެންމެ ފަހުން ޖަސްޓިން ވަނީ އޭނާގެ އިންސްޓަގްރާމް ޑީއެކްޓިވޭޓް ކޮށްލާފައެވެ. އަދި އެއަށްފަހު މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. މިއިން ވާހަކައަކަށް އޭނާގެ ރިޕްރެޒެންޓެޓިވް ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް