ހޮލީވުޑްގެ މަގުބޫލު ފިލްމު ކަމަށްވާ "ޓޮޕް ގަން" އަދި "ބެޓްމޭން ފޯއެވާ"އިން ބޮޑު މަޝްހޫރުކަމެއް ހޯދި އެމެރިކާގެ އެކްޓަރު ވޯލް ކިލްމާ މަރުވެއްޖެއެވެ.
ފިލްމު "ޓޮޕް ގަން"ގެ މަޝްހޫރު ކެރެކްޓަ އައިސްމޭންގެ ރޯލްއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓަރު މަރުވެފައި ވަނީ ނިއުމޯނިއާއަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ޢުމުރުން 65 އަހަރުގެ އެކްޓަރު މީގެ ކުރިންވެސް ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާފައި ކަމަށާއި އޭރު ކެންސަރު ބަލި ޖެހުނީ ކަރުތެރެއަށް ކަމަށް އެކްޓަރުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ދެހާސް ބާވީހުގެ އަހަރުތަކުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދިކަމަށް ބުނެ ވޯލް ކިލްމާ ބުނެފައި ވަނީ އެ ދުވަސްވަރު ވާހަކަ ދައްކަން ވެސް އުނދަގޫވި ކަމަށާއި އޭގެ ސަބަބުން މީހުންނާ މުއާމަލާތު ކުރުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.

ވޯލް ކިލްމާގެ ކެރިއަރުގެ އެންމެ މަޝްހޫރު ކެރެކްޓަ އައިސްމޭންގެ ރޯލް ކުޅުނު ފިލްމު "ޓޮޕް ގަން"ގެ މަންޒަރެއްގައި އެކްޓަރު ޓޮމް ކްރޫޒްއާ އެކު--ފޮޓޯ/އެންބީސީ ނިއުސް
ނުވަދިހައިގެ އަހަރުތަކުގައި ހޮލީވުޑްގެ ގިނަ ޖޯންރާތަކެއްގެ ފިލްމުތަކުގައި މަސައްކަތް ކުރި އެކްޓަރުގެ މަރާ އެކު ހޮލީވުޑްގެ ވަރަށް ގިނަ ފިލްމީތަރިން ވަނީ ތައުޒިއްޔާގެ މެސެޖުތައް ބަންޑުންކޮށްލާފައެވެ. ހޮލީވުޑްގެ ބައެއް ތަރިން ކިލްމާ ސިފަކޮށްފައި ވަނީ ވަރަށް ސްމާޓް، ޗެލެންޖިންގް އަދި އެހާމެ އުފެއްދުންތެރި އެކްޓަރެއްގެ ގޮތުގައެވެ.
ހައި ސްކޫލު ދައުރުން ފެށިގެން އެކްޓުކުރުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އައި ކިލްމާގެ އެކްޓިންގް ހުނަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔަ ކަމަށާއި އެއީ އެކީގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހެ އެކްޓަރެއްގެ ގޮތުގައި 2011 ވަނަ އަހަރު ރިލީޒްވި ވޯލް ކިލްމާގެ ފިލްމު "ޓުވިކްސްޓް" ޑައިރެކްޓަރު ފްރޭންސިސް ފޯޑް ކޮޕޮއްލާ ވަނީ ސިފަކޮށްފައެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޭރް އާއި ސުޕަ މޮޑެލް ސިންޑީ ކްރޮފޯޑް އަދި ހޮލީވުޑް ބަތަލާއިން ކަމަށްވާ އެންޖެލީނާ ޖޮލީ އާއި ޑެރީލް ހަންނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ކިލްމާގެ ހަޔާޓުގެ މައްޗަށް ބިނާކޮށް 2001ވަނަ އަހަރު ނެރުނު ބައޮގްރަފީގައި ވަނީ ފާހަގަކޮށްފައެވެ.
ވޯލް ކިލްމާ ވަނީ 1988 ވަނަ އަހަރު އިނގިރޭސިވިލާތުގެ ފިލްމީ ތަރި ޖޮއާން ވަލީއާ ކައިވެނިކޮށްފައެވެ. ދެ ތަރިންގެ ކައިވެނި އަށް އަހަރު ފަހުން ރޫޅިފައިވާއިރު ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.