އަދީބުންނާއެކު މި އަހަރުގެ އޭޝިއަން ލިޓެރަރީ ސޮސައިޓީ ކެރަވަން ބާއްވައިފި

ބަހުގެ އިލްމީ ބޭފުޅުންނާއި، އަދީބުންނާއެކު އޭޝިއަން ލިޓެރަރީ ސޮސައިޓީ ކެރަވަން 2024 ބޭއްވުން --

ބަހުގެ އިލްމީ ބޭފުޅުންނާއި، އަދީބުންނާއެކު އޭޝިއަން ލިޓެރަރީ ސޮސައިޓީ ކެރަވަން 2024 މިއަދު ހެނދުނު ބާއްވައިފިއެވެ.

އިންޑިއާ ހައިކޮމިޝަނާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، މާކެޓާޒް ސަމިޓު ގުޅިގެން ބޭއްވި އޭޝިއަން ލިޓެރަރީ ސޮސައިޓީ ކެރަވަން 2024 ފައްޓަވައި ދެއްވީ، އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު މަންޖިސްތާ މުކަރްޖީއެވެ.

އޭނާގެ ވާހަަކައިގައިވަނީ މި ހަރަކާތް ރާއްޖޭގައި އިންތިޒާމުކުރުމުގައި އެކި ފަރާތްތަކުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދައިކުރައްވައިފައެވެ.

ޚާއްސަ މެހެމާނުންގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމާއި، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު ބައވެރިވެލެއްވިއެވެ. އަދި އޭޝިއަން ލިޓެރަރީ ސޮސައިޓީގެ ފައުންޑަރު މަނޯޖް ކްރިޝްނަން ވެސް ބައިވެރިވެލެއްވިއެވެ.

މި ހަރަކާތުގައި ރާއްޖޭގައި ބަހާއި ސަގާފަތާ ގުޅުން އޮތް މިންވަރާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޚާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ބަހާ ގުޅޭ އެކި މައުޟޫތަކަށް މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން އަދަބީ، ސަގާފީ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ހިންދީ ބަހުންނާއި، އުރުދޫ ބަހުގެ އިތުރުން ދިވެހި ޅެން ހުށަހެޅުން ވެސް މި ޚާއްސަ ކެރަވަންގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް