ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އަށް ގިނަ ވޯޓު ލިބުމުން ހާމަވަނީ، ޕާޓީން ކުރާ މަސައްކަތް ރައްޔިތުން ބަލައިގެންފައިވާކަން ކަމަށް އެ ޕާޓީގެ ލީޑަރު އަޙުމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ސިޔާމްގެ އުފަންރަށް ކުޑަފަރިއަށް ވަޑައިގެން، ބަނދަރު ސަރަހައްދުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ރައްޔިތުންނާ މެދު ސަރުކާރުތަކުން ވެފައިވާ އިހުމާލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެ ގޮތުން ރައްޔިތުންނަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ވަރަށް މަދުކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ރާއްޖެއަށް ލިބޭ ޓެކްސްއާ އަޅާބާލާއިރު، ރައްޔިތުންނަށް ލިބޭ އާމްދަނީއެއް ނެތް ކަމަށެވެ.
މިދިޔަ އަހަރު ވެސް ޓޫރިޒަމް އިންޑަސްޓްރީން ރެވެނިއުގެ ގޮތުގައި ފަސް ބިލިއަން އެމެރިކާ ޑޮލަރު ސަރުކާރަށް ދެއްކިއިރު، އޭގެ ތެރެއިން 40 މިލިއަން ޑޮލަރު ދެއްކެވީ ސިޔާމްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ވިދާޅުވީ މި މަސައްކަތް ކުރުމުން ވެސް ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން އަންނަ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އޭގެ ސަބަބަކަށް ވަނީ ސަރުކާރުތައް ހިނގަމުންދާއިރު، ވައްކަން ކުރުމާއި، ނާޖާއިޒު ގޮތުގައި ފައިސާ ބޭނުން ކުރުމާއި، އިސްރާފުކުރުން ފަދަ ކަންކަން ހިނގާތީ ކަމަށް ސިޔާމް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސިޔާމްވަނީ އެކިއެކި ދާއިރާތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ރައްޔިތުންނަށް ހިއްސާ ކުރައްވާފައެވެ.
އެ ގޮތުން ކޮންސްޓްރަކްޝަން ދާއިރާގައި ވެސް މަސައްކަތްކުރަމުންދާ ބޭފުޅެއްގެ ހައިސިއްޔަތުން ސިޔާމް ވިދާޅުވީ އެ މަނިކުފާނު އަޅުއްވާ ކްލާސް ރޫމަކަށް ޚަރަދުވަނީ ހަތަރު ލައްކަ ރުފިޔާ ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރުން އެ މަސައްކަތްކުރާއިރު 1.4 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ވިދާޅުވެ، ބާކީ އެއް މިލިއަން ރުފިޔާއަށް އެ ވާގޮތާ މެދު އެ މަނިކުފާނު ސުވާލުއުފެއްދެވިއެވެ.
"ސަބަކަކަށް ވަނީ ސަރުކާރުތައް ހިންގަމުންދާއިރުގައި ވައްކަން ކުރުމާއި، ނާޖާއިޒު ގޮތުގައި ފައިސާ ބޭނުންކުރުމާއި، އިސްރާފުގެ ގޮތުގައި ފައިސާ ބޭނުންކުރުމާއި މި ފަދަ ކަންތައްތައް އެބަހުރި،" ސިޔާމް ވިދާޅުވިއެވެ.
ސަރުކާރުން ކޮންމެ ކަމެއް ކުރިޔަަސް އެތައް ހާސް ގުނައެއް އަގުބޮޑުކޮށް، އަދި ކޮމިޝަނާއި ކޮރަޕްޝަނާއި ވައްކަމުގެ ގޮތުގައި އެ މީހުން އެ ފައިސާ ބޭނުންކުރަމުންދާ ކަމަށް ވިދާޅުވެ، އެ ކަމުގެ ކަންބޮޑުވުން ސިޔާމް ފާޅު ކުރެއްވިއެވެ.
މީގެ އިތުރުން އާސަންދައިގެ ނިޒާމު އޮތް ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ސިޔާމް ވިދާޅުވެފައިވަނީ އާސައިންދައިން އަހަރެއްގެ މައްޗަށް އެތައް ބިލިއަން ރުފިޔާއެއް ޚަރަދުކުރަމުންދާއިރު، އަހަރުގެ މެދާ ހަމައަށް ނުދަނީސް ކަނޑައަޅާފައި އޮތް ބަޖެޓު ހުސްވުމުން ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރާ ކަމަށެވެ.
އެހެން ނަމަވެސް ސަލާންޖަހާ މީހުންވަނީ ހައްތަހާ ގިނަކަން ފާހަގަކުރައްވައި، ސިޔާމްވަނީ އާސަންދައިގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.
އާސަންދައިންގެ ހާލަތު އޮތް ގޮތުގެ ވާހަކަ ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ ފަގީރަކަށް ނުވަތަ އެންމެ ބޭނުންޖެހޭ އާދައިގެ ނިކަމެއްޗަކަށް އާސަންދަ އެންމެ ފުރިހަމައަށް ނުލިބޭ ކަމަށެވެ.
އަދި އެ ހޯދުމަށް މަޖިލިސް މެންބަރެއް ނުވަތަ ވަޒީރަކަށް ގުޅައިގެން މެނުވީ އާސަންދައިން އެއްވެސް އެހީތެރިކަމެއް ލިބޭ ގޮތެއް ނުވާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑަށް ގައިމު ވެސް ސިޓީ ލިޔާ މީހުންނެއް މަދެއްނުވޭ. ސަލާންޖެހުން މިވަނީ ގިނަ. އެހެންވީމާ ކޮބައިތޯ އާސަންދައިގެ ބޭނުމަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، އާސަންދަ ހިންގަމުންދާ ގޮތާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކުރައްވައި ވާހަކަދެއްކެވިކަމަށެވެ.
އަދި އާސަންދައިގެ ތެރެއިން ވައްކަން ނުކުރެވޭނެ ގޮތަށް، އެ ކުންފުނި މެދުވެރިކޮށް، ރައްޔިތުންނަށް ބޭސްފަރުވާ ހަމަޖެހޭނެ ގޮތެއް ހައްދަވައިދެއްވުމަށް ރައީސް އަރިހުގައި ދެންނެވި ކަމަށް ސިޔާމް ވިދާޅުވިއެވެ.
އެގޮތަށް ރައީސް އެއްބަސްވެވަޑައިގަތް ކަމަށާއި އެހެން ކަމުން ރައީސް ވިދާޅުވި ގޮތަށް އެކަން ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުޑަފަރީންވަނީ ސިޔާމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި އެ ރަށުގެ 85 މީހަކު މިއަދު އެމްޑީއޭއާ ގުޅިފައިވާއިރު، އެ ރަށުގެ އެންމެ ގިނަ ރައްޔިތުން ރެޖިސްޓާކޮށްފައިވަނީ އެ ޕާޓީއަށެވެ.
މަޖިލިސް އިންތިޚާބުގައި ސިޔާމް ވަނީ ބޮޑު އަޣުލަބިއްޔަތަކުން ފަސްވަނަ ދައުރެއް ކާމިޔާބުކުރައްވައިފައެވެ. އެ މަނިކުފާނަށް 1558 ރައްޔިތުން ވޯޓު ދިނެވެ. އަދި އެ ޕާޓީން ވެލިދޫ ދާއިރާއަށް ވާދަކުރެއްވި މުޙައްމަދު އައްބާސް ވެސް ގޮނޑި ކާމިޔާބުކުރެއްވިއެވެ.