ހުރިހާ އާއިލާތަކެއްގެ ހާލަތު ދެނެގަތުމަށް މުޅި ރާއްޖޭގައި ޤައުމީ ޕްރޮގްރާމެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެ ވުޒާރާއަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކުން އިތުރަށް އެކުދިންގެ ރައްކާތެރިކަން ހަރުދަނާ ކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަން ހާމަވާ ކަމަށެވެ.
"އޭގެތެރޭގައި މުޖުތަމަޢުއާ ގުޅިގެން އިތުރަށް މަސައްކަތް ކުރަން ޖެހޭކަން އަދި ވަކި ހާލަތްތަކެއްގައި ކުދިންނަށް ގެއްލުން ލިބޭ ހާލަތްތަކެއް އެބަ އަންނަަކަން," ވަޒީރު ޝިހާމް ވިދާޅުވިއެވެ.
މިގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށް 'ހާލު ކިހިނެތްހޭ' މިނަމުގައި ކުރިއަށްދާ ޕްރޮގްރާމްގެ ތެރެއިން މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އާއިލާތަކަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އާއިލާތަކަށް ޒިޔާރަތް ކުރުމުގެ ތެރޭގައި އެ އާއިލާތަކުގެ ދަތިތަކާ ހާލު ދެނެގަނެވި، އެމީހުންގެ ދަތިތަކަށް ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން މަސައްކަތް ކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް ކުއްލިއަކަށް ބޮޑޫ ނުރައްކަލެއްގަ އެހެންނޫނީ ހިއްދަތިކަމެއްގަ އުޅޭ ކުދިން ކުއްލި ކުއްލިއަށް ފެންނާކަށް ނުޖެހޭނެ ދެއްތޯ. އިރާދަކުރެއްވިއްޔާ މި އަންނަ ހަފްތާ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ" ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މުޖުތަމަޢު ގާތުން ބެލިގެންނާއި މުޖުތަމަޢުއާއި ވުޒާރާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެން އެ ވުޒާރާގެ ބޭނުމަކީ ކުދިންނަށް ނުރައްކާތައް ކުރިމަތިވާ ހާލަތައް މަދުކުރުން ކަމަށެވެ.
އެ ވުޒާރާއަށް ކުޑަކުދިންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް ހުށަހެޅޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިހާރު އެ ވުޒާރާއިން މަސައްކަތް ކުރަނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސްއެއް މި އޮތީ ޕްރިވެންޝަންއަށް މަސައްކަތް ކުރުން. އެހެންވީމަ އެކަމެއް ދިމާވުމުގެ ކުރިން އަޅުގަނޑުމެން އެ އާއިލާއަކާ އަދި މުޖުތަމަޢުގެ އެ ބައިވެރިންނާއި އެއްކޮށް މަސައްކަތްކޮށްގެން ހުރުން" އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އާއިލާއެއްގެ ތެރޭގައި ކުޑަކުއްޖަކަށް ނިކަމެތިކަމެއް ދިމާވަނީ ވަރަށް ހާމަކަން ބޮޑުކަމެއް ގޮތުގައި ކަމަށާއި އެ ނިކަމެތިކަން ދިމާވަނީ މަޑު މަޑުން އިތުރުވަމުން ކަމަށެވެ.
އެހެންވެ، އެކަމަށް ހައްލެއް ހޯދުމަށް އަތޮޅުތަކަށް ދަތުރުކޮށްގެން އެފަދަ އާއިލާތަކާ ގުޅިގެން އެންމެ ގޯސް ހިސާބަށް ނުދިޔުމަށް ގޮތްތަކެއް ހޯދުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެނަށް ވެސް އެބަ އިނގޭ އަނިޔާއެއް ލިބުން، ނިކަމެތިކަމެއް އައިސިއްޔާ އެއީ އެ ކުއްޖަކަށް ދުވަހަކު ވެސް ނިމޭ އަދި ހަނދާން ނެތޭ ކަމެއް ވެސް ނޫން. އޭގެ ސަބަބުން އޭނަގެ މުޅި ދިރިއުޅުން ބަދަލުވެގެންދޭ އަދި މުޅި އުމުރަށް ވެސް އެކުދިން ގެންގުޅޭ ފާރުކޮޅުތަކެއް" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މުޖުތަމައުގެ އެންމެ އާއިލާއެއް ނިކަމަތި ވިޔަސް، އެކަމުގެ އަސަރު ހުރިހާ އާއިލާއަކަށް ކުރާ ކަމަށާއި އެ ފްރޮގާރާމްގެ ތެރެއިން ލިބޭ މައުލޫމާތުތަކުން އިތުރަށް އެ ވުޒާރާއިން ހިންގާނެ ޕްރޮގްރާމްތައް އެނގިގެންދާނެ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.