ހިންމަފުށިން 532 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފިންގާ ޕްރިންޓާއި ފޮޓޯ ނެގުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް މި މަހު ކ. ހިންމަފުށީގައި ފެށި "އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިހާތަނަށް 532 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ހިންމަފުށީގައި މަސައްކަތް ކުރާ 532 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ ނަގައި، އެ މައުލޫމާތު ބިދޭސީ މަސައްކަތްތެރިންގެ ސިސްޓަމަށް މިހާރު އަޕްލޯޑު ކުރެވިފައިވާ ކަމަށެވެ.

އަދި، ވަރަށް އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި މި މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް އެއްކޮށް ތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެގޮތުން ހިންމަފުށީގައި ފެށީ މި އޮޕަރޭޝަނުގެ ފުރަތަމަ ބައި ކަމަށާއި މި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ފުރަތަމަ މަސައްކަތް ނިމޭއިރު ރާއްޖޭގައި ތިބީ ކިތައް ބިދޭސީންތޯ އާއި އެމީހުންގެ ހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް ނެގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމީހުންގެ ވެސް ބައޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި ސިސްޓަމުގެ ތެރެއިން ދެނެގަނެވޭނެ ނިޒާމު ގާއިމު ކުރާނެ ކަމަށެވެ. އަދި ދެނެނުގަނެވޭނަމަ އެ ބިދޭސީއެއްގެ ގައުމެއްގެ އެމްބަސީތަކާ ގުޅިގެން އެ ޑޮކިއުމެންޓުތައް ހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ އެ އޮޕަރޭޝަންތަކުން ހޯދާ މައުލޫމާތު ރައްކާކުރާ ޑޭޓާބޭސް ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޭނުންކުރެވޭ ގޮތް ހަދާނެ ކަމަށެވެ.

https://sun.mv/191500

މިނިސްޓަރު ވަނީ މި ޕްރޮސެސް މިގޮތަށް ކުރިއަށްދާ ކަމަށްވާނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް