އޮލިމްޕިކްސްގައި ޖާސޫސްކުރިކަމުގެ ތުހުމަތުގައި ކެނެޑާގެ ކޯޗު ސަސްޕެންޑުކޮށްފި

ކެނެޑާގެ އަންހެން ޓީމުގެ ފުޓުބޯޅަ ކޯޗު ބެވަލީ ޕްރީސްޓްމަން

ޑްރޯން ބޭނުންކޮށްގެން ޖާސޫސްކުރިކަމުގެ މައްސަލަ ހޫނުވުމާ އެކު ކެނެޑާގެ އަންހެން ޓީމުގެ ފުޓުބޯޅަ ކޯޗު ބެވަލީ ޕްރީސްޓްމަން ސަސްޕެންޑުކުރަން އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ނިންމައިފިއެވެ.

ކެނެޑާގެ އޮލިމްޕިކް ކޮމިޓީން މިގޮތަށް ނިންމީ އޮލިމްޕިކްސް ނިމުމުގެ ނިޔަލަށެވެ. އެއާއެކު މި އޮލިމްޕިކްސްގައި އެ ޓީމަށް އިރުޝާދުދޭނީ އެސިސްޓެންޓް ކޯޗު އެންޑީ ސްޕެންސްއެވެ.

ހުކުރު ދުވަހު ސީއޯސީން ނެރުނު ބަޔާނުގައިވަނީ ކެނެޑާގެ އަންހެން ޓީމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައިވަނީ ނިއު ޒީލެންޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗުގެ ކުރިން ކެނެޑާ ޓީމުގެ ދެ އޮފިޝަލަކު ޑްރޯން ބޭނުންކޮށްގެން ނިއުޒިލެންޑުގެ ފަރިތަކުރުންތައް ޖާސޫސްކުރިކަމުގެ ތުހުމަތުކުރެވިގެން އެމީހުން ގެއަށް ފޮނުވާލުމާ ގުޅިގެންނެވެ.

ޕްރީސްޓްމަންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެ ބުރާސްފަތި ދުވަހު ނިއު ޒިލެންޑް އަތުން 1-2 އިން ކެނެޑާ މޮޅުވި މެޗުގައި އޭނާ ބައިވެރިއެއްނުވެއެވެ. ނަމަވެސް، މިހާރު ފީފާ އާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން މި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި މައްސަލައިގައި ސީއޯސީން ބުދަ ދުވަހު ބުނެފައިވަނީ، އެސިސްޓެންޓް ކޯޗު، ޖެސްމިން މެންޑާ އާއި އެނަލިސްޓް، ޖޯސެފް ލޮމްބާޑީ "ވަގުތުން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ" ކަމަށާއި، ފުރަތަމަ މެޗުގައި އިރުޝާދުދިނުމަށް އަމިއްލައަށް ތަނާޒުލުވުމަށް ޕްރީސްޓްމަން ނިންމި ނިންމުން ގަބޫލުކޮށްފައިވާ ކަމަށެވެ.

ޕްރީސްޓްމަން ވަނީ 2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕާ ހަމައަށް ކެނެޑާގެ ކޯޗުކަން ކުރުމަށް ޖެނުއަރީ މަހުގެ ފަހުކޮޅު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ކެނެޑާ ވަނީ 2021 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދާފައެވެ.

comment ކޮމެންޓް