ސަޢޫދީ ރަސްގެފާނުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ޢުމްރާއަށް ފުރާވަޑައިގެންފި

ރައީސް މުއިއްޒު މިއަދު ޢުމްރާއަށް ފުރާވަޑައިގަންނަވަނީ: އެ މަނިކުފާނުގެ ވަޑައިގެންނެވީ ސަޢުދީ ރަސްގެފާނުގެ ޚާއްސަ ދައުވަތަކަށް -- ފޮޓޯ/ ރައީސް އޮފީސް

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ މަނިކުފާނުގެ ދެކަނބަލުން މިހާރު ވަނީ ޢުމްރާގެ އަޅުކަން އަދާކުރައްވަން ސަޢޫދީއަށް ފުރާވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެގޮތުން، މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟާއި، ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޢާރިފާއި، އެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ދެކަނބަލުންގެ އަރިހުގައި އެ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ ސަޢޫދީ ސަރުކާރުން ފޮނުއްވި ޚާއްސަ މަތިންދާ ބޯޓެއްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަކަށް ފަހުގައި ރައީސްގެ ދެކަނބަލުން އެނބުރި ގައުމަށް ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

comment ކޮމެންޓް