ވަރުންއާއި ޖާންވީގެ އިތުރު ފިލްމެއް އަންނަ އަހަރު

މިދިޔަ އަހަރު އެމޭޒަން ޕްރައިމްގައި ރިލީޒްކުރި ފިލްމު "ބަވާލް"އަށް ފަހު ޖާންވީ ކަޕޫރާއި ވަރުން ދަވަން އެކީގައި ފެންނާނެ ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑިއާގެ މުމްބާއީގެ އިތުރުން ރާޖަސްތާނުގައި ގިނަ މަންޒަރުތަކެއް ނަގަން ނިންމާފައިވާ މި ފަހަރުގެ ފިލްމަކީ، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ޕްރޮޑިއުސްކޮށް އެ ކުންފުނީގެ ގިނަ ފިލްމުތައް ޑައިރެކްޓްކޮށްދީފައިވާ ޝަޝާންކް ކައިތަންގެ ފިލްމެކެވެ.

ފިލްމު "ބަވާލް"އަށް ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ. ވަރުންއާއި ޖާންވީ ދެވަނަ ފަހަރަށް ސްކްރީނުން ފެންނާނެ ފިލްމު "ސަނީ ސަންސްކާރީ ކި ތުލްސީ ކުމާރީ"އަކީ އާއިލީ ފިލްމެއް ނަމަވެސް ފިލްމުގައި ލޯބީގެ ރަހަ އެކުލެވޭނެ ކަމަށް ވަރުން ވަނީ ބުނެފައެވެ.

ފިލްމުގެ މަސައްކަތް ފެށުނުކަން އިއުލާނުކުރަމުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަރުން ބުނެފައިވަނީ ބެލުންތެރިންގެ ލޯބި ސަނީއާއި ތުލްސީއަށް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ވަރުން ދަވަން އަދި ޖާންވީ ފިލްމު "ބަވާލް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ވަރުންއާއި ޖާންވީގެ އިތުރުން ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭ ސާނިޔާ މަލްހޯތުރާ، ރޯހިތު ސުރޭޝް ސަރަފް، އަކްޝޭ އޮބްރޯއި އަދި މަނީޝް ޕޯލް ހިމެނެއެވެ.

މި ފިލްމަކީ ޖާންވީ ފިލްމި ދާއިރާއަށް ތައާރަފުވި "ދަޅަކް"އަށް ފަހު ބަތަލާ ޑައިރެކްޓަރު ޝަޝާންކްއާ އެކު މަސައްކަތް ކުރާނެ ދެވަނަ ފިލްމު ވެސް މެއެވެ. ހަމައެއާ އެކު ވަރުން ދަވަން ވެސް ވަނީ ކެރިއަރުގެ ކާމިޔާބު ފިލްމު "ބަދްރީކީ ދުލްހަނިޔާ"ގައި ޝަޝާންކްއާ އެކު މަސައްކަތް ކޮށްފައެވެ. މި ދެ ފިލްމަކީ ވެސް ދަރުމާ ކުންފުނިން ގެނެސްދިން ދެ ފިލްމެވެ.

ވަރުންއާއި ޖާންވީގެ ފިލްމު "ސަނީ ސަންސްކާރީ ކި ތުލްސީ ކުމާރީ" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 18ވަނަ ދުވަހުއެވެ.

comment ކޮމެންޓް