ލާރާ ކުޅެން ބޭނުންވަނީ އުމުރާ ގުޅޭ ރޯލްތައް

އަމިއްލަ ޢުމުރަށް ވުރެ ހަގު ކެރެކްޓަރުންގެ ރޯލު ކުޅެން އެއްވެސް ވަރަކަށް ބޭނުންނުވާ ކަމަށާއި ބޭނުން ވަނީ އުމުރާ ވީހާ ވެސް ގުޅޭ ރޯލްތައް ކުޅެން އިސްކަންދޭން ކަމަށް ބޮލީވުޑްގެ ބަތަލާ ލާރާ ދައްތާ ބުނެފިއެވެ.

މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ ފިލްމުފެއާ މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ލާރާ ބުނެފައިވަނީ ފިލްމީ ތަރިންގެ ހާއްސަކޮށް، ބަތަލާއިންގެ އަސްލު އުމުރާ ގުޅޭ ރޯލްތައް ކުޅެން މިހާރުގެ ފިލްމުތަކުން ފުރުސަތު ލިބޭތީ އެކަމާ އުފާކުރާ ކަމަށެވެ.

މީގެ އެތައް އަހަރެއްގެ ކުރިއަށް ޖެހިލާއިރު އާއްމުކޮށް ފިލްމުތަކުން ފެންނާނީ ކޮލެޖުގައި ކިޔަވަމުން އަންނަ އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކު ފުރަތަމަ ފަހަރަށް މީހެއް ދެކެ ލޯބިވާ ހާދިސާތައް ކަމަށާއި އެކަން މިހާރު ބަދަލުވެއްޖެ ކަމަށް ލާރާ ވަނީ ބުނެފައެވެ. މިހާރުގެ ފިލްމުތަކުން ޢުމުރުން 40 އަހަރާއި 70 އަހަރާ ދެމެދުގެ ބަތަލާއިން ވަރަށް ވަރުގަދަ ރޯލްތަކުން ފެންނަ ކަމަށް 2000ވަނަ އަހަރު މިސް ޔުނިވާސްގެ ތާޖު އިންޑިއާއަށް ކާމިޔާބުކޮށްދިން ބަތަލާ ވަނީ ބުނެފައެވެ.

ލާރާ ދައްތާ ފިރިމީހާ މަހޭޝް ބުޕާތީ އަދި ދަރިފުޅު ސާއިރާއާ އެކު--ފޮޓޯ/ފިލްމްފެއަ

ފިލްމު "އަންދާޒް"އިން 2003ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ބަތަލާ މި ފަހަކަށް އައިސް ގިނަ ފިލްމުތަކުން ފެނިފައިވަނީ ވެސް އަމިއްލަ އުމުރާ ގުޅޭ ވަރަށް ތަފާތު ރޯލްތަކުންނެވެ. ޢުމުރުން 46 އަހަރުގެ ބަތަލާ ވެބް ސީރީޒްގެ ދުނިޔެއަށް ވެސް ނުކުމެފައިވާއިރު ޖިއޯ ސިނަމާއިން ގެނެސްދެމުން އަންނަ ހަނގުރާމަ މަތީ ހާދިސާތަކެއް ކިޔައިދޭ ވެބް ސީރީޒްއެއްގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފިލްމު "ބެލް ބޮޓޮމް"އިން އިންޑިއާގެ ކުރީގެ ބޮޑު ވަޒީރާ އިންދިރާ ގާނދީގެ ރޯލް ކުޅެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ އަންނަނީ ރަސްމީކޮށް އިއުލާނު ނުކުރާ ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އަދި، ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ "ވެލްކަމް ޓު ދަ ޖަންގަލް"ގެ މުހިއްމު ރޯލަކަށް ވެސް ލާރާ ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް