ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު، މިހާރު އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާދަމާގެ ކުރިން ފޮނުވާލަން ދެ ގައުމުގެ މެދުގައި ވަނީ އެއްބަސްވުމެއްވެފައެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތެރެއިން 51 މީހަކު އެހާތަނަށް އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް ބުނެފައެވެ.

މިހާރު ބާކީ ތިބި ސިފައިން ވެސް އަނބުރާ އެ ގައުމަށް ފޮނުވާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު، 'ސަން'އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ހީނާ ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދުތަކާ ގުޅޭ އިތުރު ތަފުސީލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި ރާއްޖޭގައި ތިބި ކަމަށް މިހާތަނަށް ލިޔެކިޔުންތަކުން ފެންނަން އޮތީ އިންޑިއާގެ 89 ސިފައިންނެވެ. އިންޑިއާ ސިފައިންގެ ބަދަލުގައި ގެންނަ މަދަނީ މީހުންގެ ތެރެއިން މިހާތަނަށް ރާއްޖެ އައީ ކިތައް މީހުންކަން ވެސް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރުމަށް ފަހު އެއްބަސްވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު، މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް ކަމަށެވެ.

އަދި، ބާކީ ސިފައިން މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެކަމުގެ ރިޔާސީ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފައެވެ.

comment ކޮމެންޓް