ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް މިއަހަރު ވެސް ފަށައިފިއެވެ.
ތިރީސް ހަތަރުވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މި ހަރަކާތް މިއަހަރު އެންމެ ފުރަތަމަ ފަށާފައި ވަނީ، އޮޅުވެލި ރިސޯޓުގައެވެ. އޮޅުވެލި ރިސޯޓުގައި މި ހަރަކާތް ފައްޓަވައިދެއްވާފައި ވަނީ، އޮޅުވެލީގެ ޖެނެރަލް މެނޭޖަރު އަދި ސަން ސިޔާމް ގްރޫޕުގެ އެސިސްޓެންޓް ގްރޫޕް ޖެނެރަލް މެނޭޖަރު ހަސަން އާދިލްއެވެ.
މި ހަރަކާތް ފައްޓަވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ، އޮޅުވެލިން ރަނގަޅު އަދަދަކަށް މުވައްޒަފުން ލޭ ހަދިޔާކުރަން ބޭނުންވާކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. އަދި މިއީ މުޖުތަމައުގެ ކުރިއެރުމާއި ލާބައަށް ދެމެހެއްޓެނިވި ގޮތަކަށް ކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އާދިލް ވިދާޅުވީ އޮޅުވެލިން 170އެއްހާ މުވައްޒަފުން ލޭ ހަދިޔާ ކުރަން ރެޖިސްޓްރީ ކޮށްފައި ވާކަމަށެވެ.
މިއަދު މި ހަރަކާތް ފަށާފައި ވާއިރު، ކޮންމެ ހަފުތާއެއްގެ އެއް ދުވަހު މި ހަރަކާތް ކުރިއަށް ގެންދާނެއެވެ. އެގޮތުން މި ހަރަކާތް ނިންމާލާނީ ސަން ސިޔާމް ރިސޯޓުތަކުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ފަހު، ހެޑް އޮފީހުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިޔުމަށްފަހުގައެވެ.
މި ހަރަކާތް ކުރިއަށް ގެންދަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ޓީމުންނެވެ.
މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްބީއެސްގެ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓަރާ އިން ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވީ، މިދިޔަ އަހަރު ވެސް އެއް ކުންފުންޏަކުން އެމްބީއެސްއަށް އެންމެ ގިނައިން ލޭ ހަދިޔާ ކުރީ ސަން ސިޔާމް ރިސޯޓުތަކުން ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން އުންމީދު ކުރަން މިފަދަ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނެ ކަމަށް،" ޑރ. އުމަރު ވިދާޅުވިއެވެ.
މި ހަރަކާތަކީ ސަން ސިޔާމް ރިސޯޓްސްއިން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން 2015ވަނަ އަހަރު ފެށި ވަރަށް ކާމިޔާބު ހަރަކާތެކެވެ. އޭގެ ފަހުން މި ހަރަކާތް ކޮންމެ އަހަރަކު ކުރިއަށް ގެންދިޔަ ނަމަވެސް، ކޮވިޑުގެ ތެރޭގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް މެދުކަނޑާލިއެވެ. އެއަށްފަހު މި ހަރަކާތް އަލުން ފަށާފައި ވަނީ މިދިޔަ އަހަރެވެ.
މި ކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ސަން ސިޔާމް ކުންފުނީގެ މެނޭޖަރު އޮފް އެގްރިކަލްޗާ ޑިޕާޓްމަންޓު އަދި ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު އިއްޔެ ވިދާޅުވީ، މިދިޔަ އަހަރު ސަން ސިޔާމް ރިސޯޓުތަކުގައި ކުރިއަށް ގެންދިޔަ ބްލަޑް ކޭމްޕުތަކުން 459 ބްލަޑް ޑޮނޭޝަން ލިބުނު ކަމަށެވެ. އެހެންކަމުން، މި އަހަރު އެ އަދަދު 500އިން މަތިވުން އެއީ ވަރަށް ބޮޑު އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ވެސް ސަން ސިޔާމްގެ އަނެއް ހަތަރު ރިސޯޓުގައި ލޭ ހަދިޔާ ކުރުމުގެ މާތް މަގްސަދު ހުރިހާ މުވައްޒަފުންނަށް ކިޔައިދީ އެކަމަށް އެންމެން ހޭލުންތެރިކޮށް ނަން ނޯޓު ކުރަމުން ގެންދޭ،" އައްޒަ ވިދާޅުވިއެވެ.
ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް އޮންނާނެ ތަންތަނަކީ:
- ސިޔާމް ވޯލްޑް
- ސަން ސިޔާމް އިރުފުށި
- ސަން ސިޔާމް އިރުވެލި
- ސަން ސިޔާމް ވިލުރީފް