ރާއްޖޭގައި ވޮލެންޓިއާ ކޮށް ލޭ ހަދިޔާކުރުން އިތުރު ކުރަން ޖެހޭ: ޙަލީލް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ލޭ އެޕްލިކޭޝަން ލޯންޗު ކުރައްވަނީ-- ފޮޓޯ: އަމަން ލަތީފް

މިވަގުތު ރާއްޖޭގައި ވޮލެންޓަރީކޮށް ލޭ ހަދިޔާ ކުރާ މީހުންގެ ނިސްބަތް މަދު ކަމަށާއި ވޮލެންޓިއާކޮށް ލޭ ހަދިޔާ ކުރުން އިތުރު ކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ "ލޭ" އެޕްލިކޭޝަން ތަޢާރަފުކޮށް ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް މިއަދު ހެނދުނު ރޯޝަނީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ސިއްޙީ ދާއިރާގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި ލޭ ހަދިޔާކުރާ ތަފާސް ހިސާބަށް ބަލާއިރު މިވަގުތު ވޮލެންޓަރީކޮށް ލޭ ހަދިޔާ ކުރާ މީހުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވާ ޙަލީލް ވަނީ ލޭ ހަދިޔާ ކުރާ މީހުންގެ ތަފާސްހިސާބު ހާމަކުރައްވާފައެވެ.

އެގޮތުން، މިދިޔަ އަހަރު ގާތްގަނޑަކަށް 507 މީހުން ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި މިއަހަރު މިހާތަނަށް ރަޖިސްޓަރީކުރީ 240 ބޭފުޅުން ކަމަށް ޚަލީލް ވިދާޅުވިއެވެ.

ލޭ އެޕްލިކޭޝަން ތަޢާރަފު ކުރުމާއި ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓަރީ

މީގެއިތުރުން އޭނާ ވިދާޅުވީ ލޭ ހަދިޔާ ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ނޫން ކަމަށާއި މިއީ ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި ތެލެސީމިއާ ކެރިއަރުންގެ ނިސްބަތް އެހެން ގައުމުތަކާ އަޅާބަލާއިރު އަދަޔާ ޚިލާފަށް މަތިކަން ފާހަގަކުރައްވާ، އޭނާ ވިދާޅުވީ ލޭ ހަދިޔާ ކުރުމަކީ ޕްރޮމޯޓް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް ކަމަކީ ތެލެސީމިއާ ކުދީންނަށް ފަރުވާ ލިބޭނެ ނިޒާމު ވަރުގަދަކުރުން. އެކުދިންނަށް ލުއިފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން." ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން އެމްބީއެސްއާއި ބައެއް އަމިއްލަ ފަރާތްތަކުން، އަދި ޖަމިއްޔާތައް އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ 27 ކޭމްޕެއް ބާއްވައިފިކަމަށެވެ.

ޙަލީލު އިތުރަށް ވިދާޅުވީ މިއަދު އިފުތިތާހުކުރި "ލޭ" އެޕްލިކޭޝަނަކީ ފަސޭހަކަމާއެކު ލޭ ހަދިޔާ ކުރުމާއި ލޭ ހޯދުމަށް އެޅިގެންދިޔަ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

އަދި މި އެޕްލިކޭޝަންގެ ސަބަބުން، ލޭ ހޯދުމަށްޓަކައި ކުރަންޖެހޭ ދަތުރު ކުރުވެ، ހޮސްޕިޓަލްތަކާއި ލޭ ހަދިޔާ ކުރާ ފަރާތާއި، ލޭ ލިބޭ ފަރާތާ އޮންނަ ގުޅުން ވަރުގަދަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޒަމާނީ ޓެކްނޮލިޖީ ސިއްޙި ދާއިރާއަށް މުހިއްމުކަމަށާއި ޒަމާނީ ޓެކްނޮލޮޖީ އިންކޯޕަރޭޓް ކުރާ ވަރަކަށް، އެތަނެއްގެ އެފިޝިއެންސީ އިތުރުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ޓެކްނޮލިޖީ ޕްލެޓްފޯމްތައް އަމިއްލަ ފަރާތްތަކުން ވެސް މިނިިސްޓަރީއާ ހިއްސާކުރުމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ތެރެއިން 2019ވަނަ އަހަރުން ފެށިގެން މިދިއަ އަހަރާ ހަމައަށް އެންމެ ގިނައިން ދަރުމަވައަށް ލޭ ހަދިޔާ ކުރި ފަރާތްތަކަށާއި ލޭ ހަދިޔާކުރުމަށް ކޭމްޕް ހިންގާފައިވާ ކުންފުނިތަކަށް ހަނދާނީ ފިލާ ހަވާލުކުރިއެވެ.

comment ކޮމެންޓް