މި އަހަރުގެ މޮރޮކަން ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވައިލައިފި

ކޮލެއްޖެއްގައި ދަރިވަރުން ކިޔަވަނީ---

މި އަހަރުގެ މޮރޮކަން ސްކޮލަޝިޕަށް ކުރިމަތިލުމަށް ދިވެހި ދަރިވަރުންނަށް ހުޅުވައިލައިފިއެވެ.

މި ސްކޮލަޝިޕުގެ ތެރެއިން ޕީއެޗްޑި، މާސްޓާސް އަދި ބެޗެލާސް ޑިގްރީ ހަދަން 20 ސްކޮލާޝިޕް ދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ސްކޮލަޝިޕަށް މިހާރުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:00ގެ ނިޔަލަށް ކުރިމަތި ލެވޭނެއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަޝިޕަށް މައި އެޑިއު ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.

މި ކޯސްތަކުގައި ކިޔަވައިދިނުމުގެ ކުރިން ފްރެންޗް ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު، މުޅި ކޯސް އެއަށްފަހު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެ ބަހުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަޝިޕަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓުކުރާނެ ކަމަށެވެ.

މި ސްކޮލަޝިޕަށް އެޕްލައި ކުރަން ބޭނުންވާ ދަރިވަރުންނަށް ކޯހަށް އެޕްލައި ކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން އެ މައުލޫމާތު ސްކޮލަޝިޕަށް ކޮށްފައިވާ އިއުލާނުގައި ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މޮރޮކޯގެ ޔުނިވާސިޓީތަކާއި މި ޔުނިވާސިޓީތަކުގެ ކޯސްތައް ވެސް އެގައުމުގެ އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (އޭއެމްސީއައި)ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިނިސްޓްރީން ބުނީ މި ސްކޮލަޝިޕުގެ ދަށުން ކޯސް ފީ ހިލޭ ހަމަޖެހިފައިވަ ކަމަށާއި ކޯސް އިންތިޒާމު ކުރާ ފަރާތުން ކޮންމެ މަހަކު ދަރިވަރުންނަށް 750 ދިރްހަމް (3,154.84 ރުފިޔާ) ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް