މޮރޮކޯއަށް ތަށި ދިން މައްސަލައިގައި ސެނެގޯލުން ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުން ކާސްއިން ފަށަނީ

އެފްކޮން 2025 ގެ ތަށި ސެނެގޯލުން އުފުލާލަނީ.. ފޮޓޯ/ ބީބީސީ

މިއަހަރު ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިއަންކަން ސެނެގޯލް އަތުން އަތުލައި މޮރޮކޯއަށް ދިން މައްސަލައިގައި ސެނެގޯލުން ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުންތައް ސްވިޒަލެންޑުގެ ލޯސާންގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހު ރަބާތުގައި ކުޅުނު ފައިނަލް މެޗުގެ އިތުރު ވަގުތުގައި ސެނެގޯލުން 1-0 ގެ ނަތީޖާއަކުން މުބާރާތް ބޭއްވި މޮރޮކޯ ބަލިކުރި ނަމަވެސް، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ވަނީ މޮރޮކޯއަކީ މުބާރާތުގެ ޗެމްޕިއަން ކަމަށް ފަހުން ނިންމާފައެވެ. ސެނެގޯލުން އިސްތިއުނާފު ކޮށްފައިވަނީ ކާފްގެ މި ނިންމުމާ ދެކޮޅަށެވެ.

ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައި ވަނިކޮށް، ސެނެގޯލާ ދެކޮޅަށް ޕެނަލްޓީއެއް ދިނުމުން އިހުތިޖާޖު ކުރުމުގެ ގޮތުން ސެނެގޯލްގެ ބައެއް ކުޅުންތެރިން ޑްރެސިން ރޫމަށް ވަދެ، 14 މިނެޓަށް ދަނޑުން ފޭބިއެވެ.

ނަމަވެސް ފަހުން ކުޅުން އަލުން ފަށައި، މޮރޮކޯ އަތުން އެ ޕެނަލްޓީ ބޭކާރުވުމުން މެޗު އިތުރު ވަގުތަށް ގޮސް، ސެނެގޯލުން ލަނޑު ޖަހައި ތަށި އުފުލައިލިއެވެ.

މޮރޮކޯއަށް ތަށި ދިން މައްސަލައިގައި ސެނެގޯލުން ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުން ކާސް އިން ފަށަނީ.... ފޮޓޯ/ ޑެއިލީ ސަބަ

އެހެން ނަމަވެސް، މެޗު ނިމުނުތާ ދެ މަސް ފަހުން ކާފްގެ އެޕީލް ބޯޑުން ނިންމީ ސެނެގޯލުން ދަނޑުން ފޭބުމަކީ މެޗު ދޫކޮށްލުން ކަމަށެވެ. އަދި ކުރީގެ ނަތީޖާ ބާތިލުކޮށް، 3-0 އިން މޮރޮކޯ މޮޅުވި ކަމަށް ކަނޑައެޅިއެވެ.

މި ނިންމުމާ ގުޅިގެން ސެނެގޯލުން މާޗު 25 ގައި ކާސްއަށް އިސްތިއުނާފު ހުށަހެޅީ ޗެމްޕިއަންކަން އަލުން އެ ޤައުމަށް ހޯދުމަށެވެ.

ކާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޑުއެހުމަށްފަހު ފަނޑިޔާރުންގެ ޕެނަލުން ގޮތެއް ނިންމުމުގެ މަޝްވަރާތައް ފަށާނެ ކަމަށާއި، ނަމަވެސް އަޑުއެހުން ބާއްވާ ދުވަހު ފަހުގެ ނިންމުން އިއްވާނެ ތާރީޚެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ފްރާންސާއި އިޓަލީ އަދި ޖަރުމަނުގެ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ގާނޫނީ މާހިރުންގެ ޕެނަލަކުންނެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދާ މި އަޑުއެހުމުގައި ސެނެގޯލާއި މޮރޮކޯ އަދި ކާފްގެ ވަކީލުން ބައިވެރިވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް