ޖާންވީގެ މަންމަގެ ގެޔަށް ޒިޔާރަތްކުރުމުގެ ފުރުސަތު

ޖާންވީ ކަޕޫރު މަންމަ ސްރީދޭވީގެ ގޭގެ ބޭރުގައި--ފޮޓޯ/ފޭސްބުކް

އިންޑިއާގެ ޗެންނާއީގައި ހުންނަ ކުރީގެ ބަތަލާ ސްރީދޭވީގެ ހިތްގައިމު މެންޝަންއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް އާއްމުންނަށް ހުޅުވައިފިއެވެ.

އެއާބީއެންބީ މެދުވެރިކޮށް މި ގެއަށް ޒިޔާރަތްކުރުމުގެ ބަތަލާ ޖާންވީ ހުޅުވާލާފައިވާއިރު މިއީ ސްރީދޭވީގެ ދިރިއުޅުމުގެ ވަރަށް ގިނަ ދުވަސްތައް ހޭދަކޮށްފައިވާ ގެއެކެވެ. މިއީ ސްރީދޭވީގެ ސަޕޯޓަރުންނަށް އިންޑިއާގެ ފިލްމީ ދާއިރާގެ ތާރީޚުގެ ވަރަށް ބޮޑު ބައެއް ތަޖުރިބާކޮށްލަން ލިބޭނެ އަގުހުރި ފުރުސަތެކެވެ. ކުރީގެ ކާމިޔާބު ބަތަލާ އެންމެ ފުރަތަމަ ގަތް ގެ ދުވަހު ކުއްޔަށް އެއާބީއެންބީގެ ނިއު އައިކަން މެދުވެރިކޮށް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއީ ސްރީދޭވީގެ އާއިލާގެ ހުރިހާ މެންބަރުންގެ ވެސް ވަރަށް ގިނަ ފޮނި ހަނދާންތަކަކާ ގުޅިފައިވާ ގެއެކެވެ.

އިންޑިއާގެ ޗެންނާއީގައި ހުންނަ ކުރީގެ ބަތަލާ ސްރީދޭވީގެ ގޭގެ ތަސްވީރު އަދި ބަތަލާ ޖާންވީ ކަޕޫރު އެ ގޭގައި--ފޮޓޯ/ކާލީޓެއިލްސް
އާއްމުންނަށް މި ގެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވާލަމުން ޖާންވީ ބުނެފައިވަނީ އާއިލާގެ ވަރަށް ގިނަ މެންބަރުންގެ އުފަންދުވަހުގެ ހަފުލާތައް އެ ގޭގައި ބާއްވާފައިވާ ކަމަށާއި މަންމަ ސްރީދޭވީ އަބަދު ވެސް ބޭނުންވީ އެ ގެއަކީ ފެންވަރު ރަނގަޅު ހޮޓަލެއްގެ ގޮތުގައި އަލުން ބިނާކުރުމަށެވެ. ފަހުން އެ ގެ ވީރާނާވާން ފެށުމުންނާއި ކޮވިޑްގެ ބަލިމަޑުކަމާ އެކު ސްރީދޭވީ ބޭނުންވި ގޮތަށް އެ ގެ ނެހެދުނު ނަމަވެސް ބައްޕަ ބޮނީ ކަޕޫރުގެ ހާއްސަ ބެލުމުގެ ދަށުން ގެ ވަނީ ސްރީދޭވީ ބޭނުންވި ގޮތަށް މާ ބޮޑު ބަދަލެއް ނުގެނެސް އަލުން މަރާމާތުކޮށްފައި ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

އެއާބީއެންބީއާ ގުޅިގެން ޖާންވީ ހުޅުވާލި މި ފުރުސަތުގެ ބޭނުންކޮށްގެން ޝައުގުވެރިވާ ފަރާތްތަކުން "ގޯލްޑަން ޓިކެޓް" ހޯދުމުގެ ފުރުސަތަކަށް ކުރިމަތިލާން ޖެހޭނެއެވެ. މީގެ ތެރެއިން ހޮވާ ފަރާތްތަކަށް ޖާންވީގެ މަންމަގެ ގޭގައި ހިލޭ ހުރުމުގެ ފުރުސަތު ލިބޭއިރު އެ މީހުންގެ ކިބައިން ޖާންވީ އެދޭ ހަމައެކަނި ކަމަކީ ގެއިން އެއްވެސް އެއްޗެއް ނުގެންދިއުމަށެވެ. ޖާންވީއަކީ ބަތަލާގެ ސަޕޯޓަރުންނަށް އަބަދު ވެސް އިތުބާރުކުރާ މީހެއް ކަމަށާއި އުއްމީދަކީ މި ފުރުސަތުގެ ބޭނުން ސަޕޯޓަރުން ހެޔޮގޮތުގައި ހިފުންކަމަށް ޖާންވީ ވަނީ ބުނެފައެވެ.

comment ކޮމެންޓް